މޯލްޑިވިއަނުން ކިންގް އެއާ 360 މަރުކާ ބޯޓެއް ގެނެސް ހިދުމަތް ހަރުފަތެއް މައްޗަށް ޖައްސާލައިފި
ލިޔުންތެރިޔާ
މޯލްޑިވިއަނުން ގެނައި އައު ބޯޓު -- ފޮޓޯ/ މޯލްޑިވިއަން
ގައުމީ އެއާލައިން، މޯލްޑިވިއަނުން ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ގެނެސްފިއެވެ.
"ނިލާ ކޮރަލްސް" އާ ގުޅިގެން ރާއްޖެއަށް ގެނެސްފައިވާ މި މަތިންދާބޯޓު ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިއީ ރާއްޖޭގައި ފަށާ ލަގްޒަރީ އުދުހުންތަކަށް ހާއްސަކޮށްގެން ގެނެސްފައިވާ މަތިންދާބޯޓެކެވެ.
މިއީ ރާއްޖޭގައި މި މަރުކާގެ ބޯޓެއް އޮޕަރޭޓްކުރަން ފެށި ފުރަތަމަ ފަހަރެވެ. މިއީ މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކޮށް، އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭހެން ފަރުމާކޮށްފައިވާ މި ބޯޓަކީ، ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމާއި ކޯޕަރޭޓް ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަކޮށްގެން، ފެންވަރު ރަނގަޅު އަދި އަރާމު ދަތުރުތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ.
ކިންގް އެއާ 360 އަކީ ކަނޑައެޅޭ ވަކި ވަގުތެއްގައި، މަންޒިލަށް ސީދާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ބޯޓެކެވެ. މީގެ ސަބަބުން ކަނެކްޓިން ފްލައިޓްތަކަށް އިންތިޒާރުކުރަންޖެހޭ ވަގުތު ސަލާމަތްކުރެވި، އަމިއްލަ މިނިވަން ދަތުރެއްގެ ތަޖުރިބާ ފަސިންޖަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބޭނެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 25 ބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި އެއާބަސް A330-200 އެއް، އެއާބަސް A320 އެއް، ފަސް ATR ބޯޓު، ހަތް ޑޭޝް-8 ބޯޓު އަދި 11 ޓްވިން އޮޓާ ސީޕްލޭން ހިމެނެއެވެ.
މޯލްޑިވިއަންގެ އަމާޒަކީ ދިވެހިވަންތަ މެހެމާންދާރީއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް