ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ރާއްޖެ އިން ބައިވެރިވުމަށް ނިންމައިފި
ލިޔުންތެރިޔާ
ކެބިނެޓުގެ ބައްދަލުވުމުގެ ތެރެއިން.
ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔާ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސާނިން ހަޔާ އެޑިއުކޭޝަން" ގައި ދިވެހިރާއްޖެ އިން ބައިވެރިވުމަށް ކެބިނެޓުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ކެބިނެޓުން މިގޮތަށް ނިންމީ ނޮވެމްބަރު މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކެބިނެޓަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. މިކަމަކީ ޤާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައި އެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމާމެދު ޔުނެސްކޯ އިން ވަނީ "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިން ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ޤައުމީ އެސެސްމަންޓެއް ހަދާފައި އެވެ. މީގެ އިތުރުން ޔުނެސްކޯ އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ވަނީ މިކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މިޝަނެއް ކުރިއަށް ގެންގޮސް، ދާއިރާގެ އެކިއެކި ފަރާތްތައް ހިމެނޭ ފޯކަސް ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް ބާއްވާފައިވެ އެވެ.
ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަ ވެގެންދާނެ އެވެ. އަދި ރާއްޖެ އިން ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެ އައުމަށް ފަސޭހަވެގެންދާނެ އެވެ.
މީގެ އިތުރުން ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް، ދިވެހިރާއްޖެ އިން ބޭރަށް ގޮސް ކިޔެވުމަށް ފަހު ބޭރުގެ ސަނަދަކާއެކު ރާއްޖެ އަށް އެނބުރި އައުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް