ދެވަނަ މެޗުގައި ފަލަސްތީނާ ދެކޮޅަށް ރާއްޖޭން ރަނގަޅު ކުޅުމެެއް
ލިޔުންތެރިޔާ
މިރޭގެ މެޗުގެތެރެއިން -- ފޮޓޯ/އެފްއޭއެމް
އޭޝިއާގެ 17 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕް ކޮށްގެން ތިބި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ރާއްޖެ 3-0 އިން ބަލިވެއްޖެ އެވެ.
ފުރަތަމަ މެޗުގައި ފަލަސްތީނު އަތުން 6-0 އިން ރާއްޖެ ބަލިވި ނަމަވެސް، އިބްރާހިމް ސައީދު (ކަކާ) ގެ އިރުޝާދުގެ ދަށުން ކުޅޭ ދިވެހި ޓީމުން ވަނީ މި މެޗުގައި ކުޅުން ރަނގަޅުކޮށް، ފަލަސްތީނަށް ވަރުގަދަ ފައިޓެއް ދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، ދެވަނަ ލަނޑަކީ 45 ވަނަ މިނިޓުގައި ގޯލު ލައިން މަތިން ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެ ޓީމުގެ ފަހު ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނިޓުގަ އެވެ. މި މެޗުގައި ރާއްޖޭގެ ކީޕަރު އަހުމަދު އަޝްހަމް އާތިފް ވަނީ ފަލަސްތީނުގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށް، މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ރާއްޖޭން މި މެޗުގައި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްފައިވެ އެވެ.
މިއީ އޭޝިއާގެ 17 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވަމުން އަންނަ ފަލަސްތީނު ރާއްޖޭގައި ކޭމްޕްކުރާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް އެ ޓީމު ވަނީ ރާއްޖޭގައި ކޭމްޕް ކޮށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.
މެެލޭޝިއާގައި ކުރިއަށްދާ ކޮލިފައިންގައި ފަލަސްތީނު ހިމެނެނީ ވަރަށް ވާދަވެރި ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ފަލަސްތީނާއި މެލޭޝިއާގެ އިތުރުން ދެން ހިމެނެނީ އިންޑިއާއާއި، ސިންގަޕޫރު އަދި ގުއާމެވެ.
ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު އަންނަ ބުރާސްފަތި ދުވަހު ތައިލެންޑަށް ފުރާނެ އެވެ.
ކޮލިފައިންގައި ރާއްޖޭގެ މެޗުތައް:
ނޮވެމްބަރު 8: ދިވެހިރާއްޖެ - ޗައިނީޒް ޓައިޕޭ
ނޮވެމްބަރު 11: ދިވެހިރާއްޖެ - ހޮންގް ކޮންގް
ނޮވެމްބަރު 14: ދިވެހިރާއްޖެ - ތައިލެންޑް
ނޮވެމްބަރު 17: ދިވެހިރާއްޖެ - އިރާގު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް