ނަސްރުގެ ދުވަސް: ދުޝްމަނުންނަށް ނާކާމިޔާބު ގެނުވި ޙުސައިން އާދަމްގެ ހިތްވަރާއި ޤައުމީ ލޯބި
ލިޔުންތެރިޔާ
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް
މީގެ 38 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހުގެ ހެނދުނު ރާއްޖެއަށް އަލިވިލުނީ ބިރުވެރިކަމުގެ ގަދަ އަޑުފައްގަނޑުންނެވެ. ބަޑީގެ ހަމަލާތަކުން މުޅި ދުވަސް ބަނަކޮށްލިއިރު، އެއީ އެތައް ދިވެހީންނެއްގެ ލޭ ދިވެހި ބިމަށް އޮހޮރުވާލި ހިތާމަވެރި ދުވަހެކެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި އައި ދުޝްމަނުންގެ ކިބައިން ސަލަމަތްވުމަށް ދިފާއުގައި ހުސައިން އާދަމް ފުރަތަމަ ރައްދު ދިނެވެ. އެއީ، ސިފައިންގެ ޚިދުމަތުގައި އޭނާ ބަޑިޖެހި ތިންވަނަ ފަހަރެވެ. ނަމަވެސް، އެއީ ނުގުޑާ އަޒުމަކާ އެކު ފަހު ނޭވައާ ޖެހެންދެން ވެސް ގައުމު ހިމާޔަތްކުރުމުގައި ދެމިހުންނެވި ގައުމީ ބަޠަލެކެވެ.
މި ހަނދާންތައް ޖީލުން ޖީލަށް ފަނޑުވަމުން ދާއިރު ގައުމީ ބަޠަލުންގެ ޒިކުރާ އާކޮށް މި ވާހަކަތައް އެއް ޖީލުން އަނެއް ޖީލަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.
ނޮވެމްބަރު 3 ގެ އުދުވާން
ނޮވެމްބަރު 3 ގެ އުދުވާނަކީ 1988 ވަނަ އަހަރު ބާޣީ ޢަބްދުﷲ ލުޠުފީގެ އިސްނެގުމުގެ މަތިން، އޭނާގެ ރަޙުމަތްތެރި މަދު ބަޔަކާއެކު ގުޅިގެން، ރާއްޖޭގެ ވެރިކަން ވައްޓާލުމަށްޓަކައި ނިރުބަވެރި ހަމަލާއެއް ދިވެހި ގައުމަށް ދިން ދުވަހެވެ.
މި ޢުދުވާން ހިންގީ އެ ދުވަސްވަރު ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ތަމަޅަ ޓައިގަރުންގެ ހަނގުރާމަވެރި ޖަމާއަތެއް ރާއްޖެ ގެނެސް، އެމީހުންގެ އަސްކަރީ ބާރު ބޭނުންކޮށްގެންނެވެ.
ހަމަލާ ދިނުމަށް ރާވައި، އެ ޖަމާއަތުން މީހުން މާލެ އައީ ކަނޑުމަގުން ދެ ބޯޓެއްގައެވެ. އެއީ، ޓީ 52 އާއި ސައުތުވެސްޓް 37އެވެ. މި ހަމަލާގައި ދުޝްމަނުންގެ ކޮމާންޑަރަށް ހުރީ ވަސަންތީ އޭ ކިޔާ ތަމަޅަ މީހެކެވެ. އެ މީހުންގެ މައިގަނޑު ރޭވުމަކީ ތިން ދިމާއަކުން ކުއްލިއަކަށް ސިފައިންގެ މައި މަރުކަޒަށް ޙަމަލާދީ އެ މީހުންގެ ބާރުގެ ދަށަށް ސިފައިންގެ މައި މަރުކަޒު ގެންދިއުމެވެ. ދެން، ސަރުކާރުގެ އިސްވެރިން ހިފައި ހައްޔަރުކޮށް ދިވެހިރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަތުމެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރު
އެ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 04:15 ކަންހާއިރު، ރަށުތެރޭގެ އަމާންކަން ނަގާލަމުން ދުޝްމަނުން މާލެއަށް ފައިބައި އެޅި ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި، އެއިން މީހެއްގެ އަތުން ކުއްލިއަކަށް ވަޒަނެއް ގޮވިއެވެ. އެއާއެކު ދުޝްމަނުންނަށް ރައްދު ޙަމަލާ ދެއްވަން ފެއްޓެވީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ.
ކުރު ސޯޓުބުރި ލައިގެން، ބަޑިތައް ހިފައިގެން މެރިން ޑްރައިވުން ދުވެފައި ސިފައިންގެ މައި މަރުކަޒާ ދިމާއަށް އަންނަމުންދިޔަ މީހުން ފެނިވަޑައިގަތުމުން، މައި މަރުކަޒާ ދިމާއަށް ބަޑި ހިފައިގެން ދުވެފައި އަންނަ އެ ބަޔަކީ ޤައުމަށް ޙަމަލާދޭން އައި ދުޝްމަނުންކަން ޔަޤީންވުމާއެކު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އޭކޭ 47 މަރުކާގެ ބަޑިން ވަގުތުން ރައްދު ޙަމަލާ ދެއްވަން ފެއްޓެވިއެވެ.
އަމިއްލަ ފުރާނަ ސަލާމަތްކުރެއްވުމުގެ އިޚްތިޔާރު އޮތް ނަމަވެސް، ފަހަތަށް ޖެހިވަޑައިނުގެން އޭނާ ހަނގުރާމަކުރެއްވީ ސިފައިންގެ މައި ދޮރޯށީގެ ބޭރުގައި ހުރި ސެގަރުގެ ތެރޭގައި ހުންނަވައިގެންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ދުޝްމަނުން ފަހަތަށް ޖެހި، ދޮށިމޭނާ ބިލްޑިންގުގެ ވަށާފާރުގެ އެތެރޭގައި ނިވާވެ ތިބެ އަމީރު އަޙްމަދު މަގު ހުރަސްކޮށް އޭނާއަށް ޙަމަލާދޭން ފެށިއެވެ.
އަތްޕުޅުގައި ހުރި ވަޒަން ހުސްވަމުން ދިޔުމާއެކު އިތުރު ވަޒަން ފޯރުކޮށްދިނުމަށް ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އެދިވަޑައިގަތް ނަމަވެސް، ދުޝްމަނުންގެ ޙަމަލާތައް ވަރުގަދަކަމުން ސިފައިންގެ ގޭޓު ހުޅުވައި ސެގަރާ ހަމައަށް ވަޒަން ފޯރުކޮށްދެވޭ ގޮތެއް ނުވިއެވެ.
އެ ނުތަނަވަސް ދަނޑިވަޅުގައި ދުޝްމަނުން ޖެހި ވަޒަނެއް ހުސައިން އާދަމްގެ ބަޑީގެ މެގެޒިނަށް އަރައި ބަޑި ހުއްޓެން ދިމާވިއެވެ. އެ ވަގުތު ދުޝްމަނުންނަށް ލިބުނު ފުރުސަތުގައި ވަރުގަދަ ހަމަލާތަކެއް ދީ ކޯޕްރަލް ޙުސައިން އާދަމް ޝަހީދުކޮށްލީއެވެ.
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދެއްކެވި ހިތްވަރުގަދަ ދިފާޢުގެ ސަބަބުން، ސިފައިންގެ ތެރޭގައި ތިބި ސިފައިންނަށް ހަތިޔާރު އަޅައި ތައްޔާރުވެގެން މަރުކަޒު ދިފާޢުކުރުމަށް ނުކުތުމުގެ އަގުހުރި ވަގުތު ލިބުނެވެ. އެއާއެކު ފުލުސް އޮފީހާއި ބަނޑޭރިގޭ މަތިން ދުޝްމަނުންނަށް ރައްދު ޙަމަލާދޭން ފެށި، އެ ޙަމަލާތަކުގައި ދުޝްމަނުންގެ ކޮމާންޑަރު ވަސަންތީ ވެސް ވަނީ މަރާލައިފައެވެ.
ދިވެހި އަސްކަރީންނާއި ޝަހީދުންގެ ހިތްވަރު
ދިވެހިރާއްޖެއަށް ޙަމަލާދިން ޢަދާވާތްތެރިން ބަލިކޮށް، ޤައުމަށް ކާމިޔާބީ ހޯދައިދިނުމުގައި ދިވެހި ޢަސްކަރިއްޔާގެ އެހެން ސިފައިން ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ ވެސް ނުހަނު ފާހަގަކޮށްލެވޭ ފަދަ މަތިވެރި މަސައްކަތްތަކެކެވެ.
އެ ހަނގުރާމައިގެ ތެރޭގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އިތުރުން ފުރާނަ ޤުރުބާންކުރެއްވި ދިވެހި ސިފައިންނަކީ ވެސް، ޤައުމީ ވާޖިބު އަދާކުރެއްވުމުގެ މައިދާނުގައި ސާބިތުވެ ތިއްބަވަނިކޮށް، ނިރުބަވެރިންގެ ނުރައްކާތެރި ބަޑީގެ ޙަމަލާތަކުގައި ޝަހީދުވެވަޑައިގެންނެވި ބަޠަލުންނެވެ.
ޚާއްޞަކޮށް، ފުރާނައަށް އޮތް ބޮޑު ނުރައްކާ ރަނގަޅަށް އެނގިވަޑައިގަންނަވާ ޙާލުގައި ވެސް، މަސްރަޙު ބަލައި ފާރަވެރިވުމުގެ ގޮތުން އެ ދުވަހު ނުކުތް 'ރެކޯ ޕެޓްރޯލް' ގެ ދަތުރުގައި ބައިވެރިވެވަޑައިގެން ޝަހީދުވި ސިފައިންގެ ޤުރުބާނީ ފާހަގަކުރަން ޖެހެއެވެ.

އެ ޢުދުވާނުގައި މި ދުނިޔެ ދޫކުރަންޖެހުނު ޢާންމު ރައްޔިތުން ދުނިޔެ ދޫކުރީ ތަފާތު ޙާލަތްތަކުގައެވެ. ބައެއް ބޭފުޅުން ވަކިވެވަޑައިގަތީ، އެ ދުވަހު ހިނގަމުންދިޔަ ބިރުވެރި ޙާދިސާތަކުގެ ކުޑަވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައި ނުވާތީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހެނދުނު ސަރުކާރުގެ އޮފީސްތަކަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.
އަދި އަނެއްބައި ރައްޔިތުންނަކީ ދުވަހުގެ ޢާންމު ދިރިއުޅުމުގެ ކަންކަމުގައި އުޅުއްވަނިކޮށް، ނޭނގުމެއްގެ ތެރޭގައި އެ ނުރައްކާތެރި މާޙައުލަށް ހުށަހެޅިގެންދިޔަ ބޭފުޅުންނެވެ. މީގެއިތުރުން، އެދުވަހު ޤައުމަށް ޣައްދާރުވި ޚާއިނުން ގަދަކަމުން ހައްޔަރުކޮށްގެން ގެންދިޔަ ބައެއް ޢާންމުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. މި ޚާއިނުންގެ ޖަމާއަތުން ދިވެހި މުދާ އުފުލާ ބޯޓެއް ހިފަހައްޓައި، އެ ރައްޔިތުން ރަހީނުންގެ ގޮތުގައި ބޭނުންކުރަމުން ދަނިކޮށް، އެމީހުން މުޅިން ގޮތްހުސްވެ ސަލާމަތްވާނެ އިތުރު ދޮރެއް ނެތުމުން، އެއްވެސް އިންސާނިއްޔަތުކަމަކަށް ބެލުމެއް ނެތި، ނުހަނު އަނިޔާވެރިކަމާއެކު ދިވެހިންގެ އެތައް ބަޔަކު ބަޑިޖަހައި ޤަތުލުކޮށްލީއެވެ.
އެދުވަހު ޤައުމަށް ޣައްދާރުވި ޚާއިނުންގެ ކިބައިން ދިވެހި އުންމަތް ސަލާމަތްވެ މިނިވަންކަންމަތީ އަނެއްކާ ވެސް ސަފުހާތައް ގުނަން ލިބުމުގެ ނަސީބު ލިބުނީ ޝަހީދު ކޯޕްރަލް ހުސައިން އާދަމްއާއި އެހެނިހެން ދިވެހި އަސްކަރީންގެ މިންނެތް ހިތްވަރާއި ގައުމަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ.
އެހެންކަމުންޝަހީދު ކޯޕްރަލް ހުސައިން އާދަމްއާޢި ދިވެހި އަސްކަރީންގެ ހަޔާތުން ކޮންމެ ޒުވާނެއް ވެސް އިބުރަތް ހާސިލުކުރަން ޖެހެއެވެ. މި ގައުމަށްޓަކައި ވެދެއްވި ގުރުބާނީގެ ވާހަކަ ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސްދޭން ޖެހެއެވެ. ކިޔައިދޭން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް