ސިޔާސީ ކަންކަމުން ދުރަށް ދާނީ ރައީސް މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯދައި ދީފައި: ޢަބްދުއްރަހީމް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ރައީސް މުޢިއްޒު އާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް
ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވާފައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ އަރާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ގޮތުން އެބޭފުޅާ ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރެވިފައިވާ ކަމަށެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަންގެ މަޤާމުގައި ވެސް ހުންނެވި ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒު އަށް ދެ ވަނަ ދައުރަކަށް ވެރިކަން ހޯއްދަވައި ދެއްވުމަކީ އެބޭފުޅާގެ ހުވަފެނެއް ކަމަށެވެ.
އެކަން ހާސިލުކުރައްވަން ބޭނުންފުޅުވާކން ފާހަގަ ކުރައްވައި ޢަބްދުއްރަހީމް ވިދާޅުވީ، ފުރުސަތު ލިބިވަޑައިގެންނެވި މިންވަރަކުން އެކަމަށް މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުަގއި ދެމި ހުންނަވާނެ ކަމަށާއި، އޭގެ ފަހުން ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ. އެއާ އެކު ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ، ދިވެހި ޤައުމުގެ މިނިވަންކަން އަދި އިސްލާމްދީނަކީ ވަކި ނުކުރެވޭނެ އެއްޗެއްކަން ދެކެވަޑައިގެން ކަމަށެވެ.
ޢަބްދުއްރަހީމް އަކީ ރައީސް މުޢިއްޒު ވެރިކަމަށް ގެންނެވުމަށް އެންމެ ގިނަ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ. އަދި ޢަބްދުއްރަހީމް އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާއިރު، އެ ބޭފުޅާ ގެންދަވަނީ ޕީއެންސީގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް