Article Top
ޚަބަރު •

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބާރަށް ކުރިއަށް، އެސްޖޭއިން ފްލެޓުތަކުގެ މަސައްކަތް ފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބާރަށް ކުރިއަށް، އެސްޖޭއިން ފްލެޓުތަކުގެ މަސައްކަތް ފަށައިފި

އެސްޖޭއިން ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރަނީ ---

މި ސަރުކާރުން ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެސްޖޭއަށް އިމާރާތްކުރުމަށް ހަވާލުކޮށްފައިވާ ފްލެޓުތަކުގެ މަސައްކަތް ފަށައިފިއެވެ.

އެސްޖޭއަށް ހަވާލުކޮށްފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގައި 250 ހައުސިން ޔުނިޓު އިމާރާތްކުރުމަށެވެ.

Advertisement
Article Inside

އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.'

އެސްޖޭއިން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެސްޖޭ އިން އިމާރާތްކުރާ "އެސްޖޭ އުފާ" ގެ އަމަލީ މަސައްކަތް ފަށައިފައިވާކަމަށެވެ.

މި ސަރުކާރުން ވަނީ މާލެ ސަރަހައްދދުގައި 4260 ހައުސިން ޔުނިޓްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށް ބިންގާ އަޅައިފައެވެ. އެ މަޝްރޫއުގެ ތެރެއިން ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދެއެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)އާ ހަވާލުކޮށްގެން 1224 ހައުސިން ޔުނިޓް އަދި ފޭސް 3 ގައި ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން 1190 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން 364 ހައުސިން ޔުނިޓް އަޅާއިރު އެފް ޑަބްލިއު ކޮންސްޓްރްކްޝަންއިން ފޭސް 1 ގައި 182 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.

އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއިން ދަނީ ކުރަމުންނެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި 1000 ފްލެޓު އެޅުމަށް ދިވެހި ހަތަރު ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ކޮންމެ ކުންފުންޏަކުން 250 ފްލެޓު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސައްކަތް ހަވާލުކުރި ކުންފުނިތަކަކީ

  • އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

  • ޖޭވީ ޕާޓްނާޝިޕް - ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑް

  • ޖޭވީ ޕާޓްނާޝިޕް - ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

ސަރުކާރުން އަމާޒު ހިފައިފައިވަނީ 2028 ވަނަ އަހަރުގެ މެދު ތެރެއަށް އެ ހުރިހާ ހައުސިން ޔުނިޓެއްގެ މަސައްކަތް ނިންމުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް