ވިނަރެސް ފްލެޓުކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވީ 9 އަހަރުގެ ކުއްޖަކަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިރޭ ހިނގި އެކްސިޑެންޓު --- ފޮޓޯ/ ވޮއިސް
މިރޭ ވިނަރެސް ފްލެޓު ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ފްލެޓް ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 9:00 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންކަން އެނގިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާ އިނީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައިކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ދިވެއްސެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި އެކްސިޑެންޓްވުމާ އެކު ކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށެވެ. އަދި އެ އެ ކުއްޖާ ވެއްޓުނުތަނަށް ގިނަ އަދަދެއްގެ ލޭ ފައިބައިފައިވެއެވެ. އެ ކުއްޖާ އެ ތަނުގައި އޮތް އިރު ހޭ ވެރިކަން ނުވާކަމަށް ވެސް އެ މީހުން ބުނެއެވެ.
އެކްސިޑެންޓުވުމާ އެކު ކުއްޖާ ފުރަތަމަ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކުއްޖާގެ ހާލަތަށް ބަލައި އައިޖީއެމްއެޗަށް މިހާރު ރިފަކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް