Article Top
ޚަބަރު •

ހުޅުމާލޭގައި އީގަލް ހިލްސް އިން އަޅާ 5000 ފްލެޓަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހުޅުމާލޭގައި އީގަލް ހިލްސް އިން އަޅާ 5000 ފްލެޓަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ: ރައީސް މުޢިއްޒު

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅާ 5000 ފްލެޓަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅާ 5000 ފްލެޓުގެ ހުރިހާ ޚަރަދެއް ކުރާނީ އެ ކުންފުނިން ކަމަށެވެ. އެއީ ސަރުކާރުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް، ރައީސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

Advertisement
Article Inside

އެކަމުގެ ތަފްސީލުތައް ހިއްސާ ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ 5000 ފްލެޓަކީ ރަސްމާލެ މަޝްރޫއު އިން ލިބޭ ފުރަތަމަ ސޭލްސްގެ 10 އިންސައްތަ އިން ކުރިއަށް ގެންދަން ނިންމި މަޝްރޫއެއް ކަމަށެވެ. އެގޮތުން އީގަލް ހިލްސް އިން އޮތީ އެ 10 އިންސައްތަ އިން ދިވެހި ސަރުކާރުން ބޭނުންވާ ކަމަކަށް ޚަރަދު ކުރަން ތައްޔާރަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އޭގެ ތެރެއިން ހުޅުމާލޭގައި 5000 ފްލެޓު އަޅައި، ބޯހިޔާވަހި ކަމުގެ ވައުދު ފުއްދުމަށް އެ ފައިސާ ޚަރަދު ކުރަން އެމަނިކުފާނު ނިންމެވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ސަރުކާރުން އެދިއްޖެ ނަމަ، އެ 500 މިލިއަން އެމެރިކާ ޑޮލަރު ދައުލަތުގެ ރިޒާވްގައި ވެސް ބެހެއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނު ނިންމެވީ އެ ފައިސާ އަކީ ރިޒާވްގައި ބަހައްޓާނެ ފައިސާއެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދުމަށް ޚަރަދު ކުރާނެ ފައިސާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި 5000 ފްލެޓު އެޅުމަށް އީގަލް ހިލްސް އަށް ހަވާލު ކުރާ ބިމުގައި ނަރުދަމާއި، ފެން އަދި ކަަރަންޓު ޤާއިމު ކުރާނީ ވެސް އެ ކުންފުނިން ކަަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް