ސަރުކާރުގެ އަމާޒަށް ވާސިލުވުމުގައި ބައިވެރިވުމަށް ރައީސްގެ ދައުވަތު ޗައިނާ އަށް
ލިޔުންތެރިޔާ
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ދިވެހިރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގައި މިހާރުގެ ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވުމުގައި ބައިވެރިވުމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޗައިނާ އަށް ދައުވަތު ދެއްވައިފި އެވެ.
ރައީސް މި ދައުވަތު ދެއްވާފައި ވަނީ ބުދަ ދުވަހު ފެށި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ހަމައެކަނި ބައިނަލްއަޤުވާމީ މާކެޓުތަކުގައި ދިވެހި ވިޔަފާރިތައް ބައިވެރިވުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ، ބައިނަލްއަޤުވާމީ މާކެޓު ތަކުގައި ވާދަކޮށް، ދިވެހި ވިޔަފާރިތައް ކާމިޔާބުވުން ކަމަށާއި، އެކަމުގައި ޗައިނާ އަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލު ކުރަން ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ އެފްޓީއޭ އަށް އިޝާރާތް ކުރައްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، އެއީ ޗައިނާ އާއި ރާއްޖޭގެ އިޤްތިޞާދީ ގުޅުން ވަރުގަދަވެ، ދެ ޤައުމަށް ވެސް ހާސިލު ކުރެވުނު ރަނގަޅު ކާމިޔާބެއް ކަމަށެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، މިއަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ޗައިނާ އިން ރާއްޖެ އަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން ވެސް، 124 މިލިއަން އެމެރިކާ ޑޮލަރަކީ އެ އެއްބަސްވުމުގެ ދަށުން އެތެރެ ކުރެވުނު މުދާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ގޮތް ގުޅުމެއް އޮންނައިރު، ރައީސް މުޢިއްޒު ވަނީ އެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ޗައިނާާ އާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމު ގުޅިގެން ގިނަ ކަންތައްތަކެއް ހާސިލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް