ވިލިނގިލީގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ސްޓެކްލޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
ވިލިނގިލީގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ގއ.ވިލިނގިލީގައި ދެމުން އަންނަ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ވިލިނގިލީގެ މި ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވުމަށް، އަންގާރަ ދުވަހުގެ ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަޙުމަދު އިގްބާލް އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ފާތިމަތު ލީނާ އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ނާޒިރު ވިދާޅުވީ، ވިލިނގިއްޔަށް ދެ ވަނަ ފަހަރަށް ޚިދުމަތް ދޭން ސްޓެލްކޯ އަށް ލިބުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި، އެއް އަޒުމެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ވިލިނގިލީގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވުމަށް ފަހު، އެ ކުންފުނީގެ އިސްވެރިން ވަނީ އެ ރަށުގައި ހުންނަ އިންޖީނުގެ އަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ޙާލަތު ބައްލަވައިފަ އެވެ.
ފެނަކަ ކޯޕަރޭޝަން އުވާލުމަށް ފަހު، ފެނަކައިގެ ދަށުން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވާއިރު، ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުރި އިންޖީނުގެތަކާ ހަވާލުވަމުންނެވެ. އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ، މުޅި ރާއްޖެ އަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ވީ އެންމެ ފަސޭހަ އިން ލިބޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް