ކޮލިފައިންއަށް ތައްޔާރުވާން ފަލަސްތީނު ޓީމު ގުރައިދޫގައި ކޭމްޕް ކޮށްފި
ލިޔުންތެރިޔާ
ފަލަސްތީނުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ގުރައިދޫ ކައުންސިލާއި ޑަބްލިއުޑީސީގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ/އެފްއޭއެމް
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައިސް ކ. ގުރައިދޫގައި ކޭމްޕް ކޮށްފި އެވެ.
ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޓްރޭނިން ކޭމްޕަށް ފަލަސްތީނު ޓީމު އިއްޔެ ހަވީތު ރާއްޖެ އައުމަށްފަހު ވަނީ ގުރައިދުއަށް ގޮސްފަ އެވެ. އެ ޓީމަށް މަރުޙަބާ ކިޔުމަށް ރަށުގެ ކައުންސިލުން ވަނީ ބަނދަރު ސަރަހައްދުގައި ހާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންގޮސްފަ އެވެ.
މި ކޭމްޕްގެ ތަމްރީނު ސެޝަންތައް ކުރިއަށްދާނީ ގުރައިދޫ ފުޓްބޯޅަ ދަނޑުގަ އެވެ. ފަލަސްތީނު ޓީމުގެ މި ދަތުރުގެ ހުރިހާ ހަރަދެއްހެން ބަލަހައްޓަނީ އެފްއޭއެމާއި ސަރުކާރާއި ގުރައިދޫ ކައުންސިލް ގުޅިގެންނެވެ.
މިދިޔަ އަހަރު ވެސް އެ ގައުމުގެ ޓީމު ވަނީ ރާއްޖޭގައި ކޭމްޕް ކޮށްފަ އެވެ. އެގޮތުން މިފަހަރުގެ ކޭމްޕްގެ ތެރެއިން ވެސް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގައި އަންނަ މަހުގެ 8 އިން 20 އަށް ކުރިއަށްދާ ކޮލިފައިން މެޗުތަކަށް ދިއުމުގެ ކުރިން، ފަލަސްތީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ. މި ކޮލިފައިންގައި ފަލަސްތީނު ހިމެނެނީ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމާ އެކު އެއް ގްރޫޕްގަ އެވެ.
މި މުބާރާތުގެ ކޮލިފައިންއަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުވެސް އަންނަނީ ތައްޔާރު ވަމުންނެވެ. ތައިލެންޑުގައި ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ހިމެނެނީ ތައިލެންޑް، އިރާގު، ހޮންކޮން އަދި ޗައިނީޒް ޓައިޕޭއާ އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް