ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް 4 މީހުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން
ވަގަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އެއީ ބަންގްލަދޭޝް މީހުންކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އެމްޑީ ޖިހާދު ބިން އަރީފް، 41 އަހަރުގެ އެމްޑީ މިޒަންނޫރު ރަހްމާން އާއި، 30 އަހަރުގެ މިރްޒާ އަލް އަމީންގެ އިތުރުން 21 އަހަރުގެ އެމްޑީ އަރްމާން އަލީއެވެ.
ފުލުހުން ބުނިގޮތުގައި އެމީހުން ހައްޔަރުކުރީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކުރިއިރު، އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް