ފުނަދޫ އަލިފާނުގެ ހާދިސާ: ފުލުހުންގެ ހާއްސަ ތަހުގީގީ ޓީމެއް އެރަށަށް
ލިޔުންތެރިޔާ
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައި-- ފޮޓޯ / އާދަމް ނާއިމް
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފިއެވެ.
ފުލުހުން ބުނީ ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެ އެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައި ކަމަށެވެ.
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވާން ދިމާވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ފުނަދޫއަށް މާދަމާ ހެދުނު ދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެއް ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް