ށ.ފުނަދޫ އަލިފާނުގެ ހާދިސާ: 4 ގެޔަކާއި، 5 ގަރާޖަކަށް އަލިފާނުގެ އަސަރު ކޮށްފި
ލިޔުންތެރިޔާ
ށ.ފުނަދޫގައި ހުރި ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެ އަނދަނީ - ފޮޓޯ/ ސޯޝަލް މީޑިއާ.
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 4 ގެޔަކާއި، 5 ވޯކްޝޮޕް/ގަރާޖަކަށް އަސަރު ކޮށްފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމް) އިން ބުނެފައި ވަނީ، އަލިފާން އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަހައްދުގައި ހުރި 4 ގެޔަކާއި، 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކުރެވިފައި ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެންޑީއެމްއޭ އިން ބުނެފައި ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެެވެ. އަދި އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔާ އަދި އާންމުން ދަނީ ހަރަކާތްތެރި ވަމުން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ހދ.ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔާ ޓީމު މިހާރު އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 08:00 ގައި ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. މަންޒަރު ތަކުން ފެންނަ ގޮތުގައި އެ ޝެޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައި އެވެ. އެހެން ނަމަވެސް، އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް