ސަރުކާރުން ކުދި ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ އިން ޓެކުހަށް ކަނޑައިދެނީ
ލިޔުންތެރިޔާ
"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ---
ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާއިން އެ ވިޔަފާރިތަކުން ސަރުކާރަށް ދައްކަން ޖެހޭ ޓެކުހަށް އެ ފައިސާ ކަނޑައިދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އެކި މަސައްކަތްކޮށް ނުވަތަ އެކި ހިދުމަތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އަތުން ހޯދައި އެ ހިދުމަތަށް ފައިސާ ދޫކުރެވޭވަރު ލަސްވުމުން ވިޔަފާރި ވެރިން ރައީސުލްޖުމްހޫރިއްޔާ ޑރ، މުއިއްޒުއަށް ވަނީ މީގެކުރިން ޝަކުވާ ހުށަހަޅައިފައެވެ.
އެ ފައިސާ ލިބުން ލަސްވި ނަމަވެސް ސަރުކާރަށް އެ ވިޔަފާރިވެރިން ބަރާބަރަށް ޓެކްސް ދައްކަން ޖެހޭކަމަށާއި، އެ ފައިސާ ނުލިބި ޓެކްސް ދައްކަން ދަތިވާތީ އެ ވިޔަފާރިވެރިން ވަނީ ސަރުކާރުން ވިޔަފާރިވެރިންނަށް ދޭއްޖެހޭ ފައިސާއިން ޓެކްސް ކަނޑައިދިނުމަށް ހުށަހަޅައިފައެވެ.
ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ، މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެކި މަސައްކަތްތައް ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލަސްވުމަކީ ޓެކްސް ދެއްކުމުގައި އެ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށެވެ.
އެހެންކަމުން އެހެންކަމުން އެ ދަތިތައް ހައްލުކުރުމަށް ޓަކައި މުހިންމު ނިންމުންތަކެއް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ވިޔަފާރިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ ގޮތަށް ހަމަޖައްސަވަން ނިންމަވައިފަ އެވެ. އެއީ ސަރުކާރުން އެ މީހުންނަށް ދޭން އޮންނަ ފައިސާ އާއި އެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އަޅާ ކެނޑުންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ބޮޑު ލުޔެއް ކުދި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ.
މީގެއިތުރުން ޓެކްސް ދެއްކުމަށް ތްރެޝްހޯލްޑް އަދަދުގެ ގޮތުގައި މިހާރު އޮންނަ އެއް މިލިއަން ރުފިޔާގެ އަދަދު އަންނަ އަހަރުން ފެށިގެން 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރަން ނިންމަވައިފައިވާކަމަށް ވެސް ރައީސް އިއުލާނުކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ އެކެއް ޖެނުއަރީން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ތްރެޝްހޯލްޑް މަތިކުރެވިގެންދާނެ. މިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅިގެން އެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރައްވާ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވައި މިހާތަނަށް ބައެއް ހައްލުތައްވެސް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަމުގައި ދައިރާއިން ރާއްޖޭގައި ޖީޑީޕީގައި ހިއްސާކުރާ މިންވަރު 2030 ވަނަ އަހަރާއި ހަމައަށް 15 އިންސައްތައަށް އިތުރު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް