ކޮޕް17 ގައި ރާއްޖޭގެ "ނެޝަނަލް އިކޯސިސްޓަމް މެޕިންގް" ދައްކާލައިފި
ލިޔުންތެރިޔާ
ސީބީޑީ ކޮޕް17 ގައި ދިވެހިރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު ނުވަތަ "ނެޝަނަލް އިކޯސިސްޓަމް މެޕިންގް" ދައްކާލުމުގެ ތެރެއިން.
އާމޭނިއާގެ ޔެރެވާންގައި މިހާރު ކުރިއަށްދާ ޑައިވާސިޓީއާ ބެހޭ ބައިނަލްއަޤުވާމީ ބައްދަލުވުން (ސީބީޑީ ކޮޕް17) ގައި ދިވެހިރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު ނުވަތަ "ނެޝަނަލް އިކޯސިސްޓަމް މެޕިންގް" ދައްކާލައިފި އެވެ.
މި މަސައްކަތް ރާއްޖެ އިން ހުށަހަޅާފައިވަނީ 2026 އޮކްޓޫބަރު 24 ވީ ދުވަހު ބޭއްވުނު "މޯލްޑިވްސް ނެޝަނަލް އެކްސެލެރޭޓާ: ފްރޮމް އިކޯސިސްޓަމް ޑޭޓާ ޓު ކަންޓްރީ އެކްޝަން" ސެޝަންގައި އެވެ. މިއީ "ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް" ގެ ފުރަތަމަ ޤައުމީ އެކްސެލެރޭޓާގެ ގޮތުގައި ރާއްޖެ އިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ޑިރެކްޓާ އޮފް އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް، ރިފްއަތު ނައީމް ވިދާޅުވީ، ޤައުމީ ފެންވަރުގައި އެއްކުރެވޭ އިކޯސިސްޓަމްގެ މައުލޫމާތު ތަކުގެ ސަބަބުން ތިމާވެށި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ. އަދި މި މައުލޫމާތުގެ އެހީގައި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރު ކުރުމަށާއި، ޖާގަ ބޭނުން ކުރުމުގެ ޕްލޭން (ސްޕޭޝަލް ޕްލޭނިން) އެކުލަވާލުމުގެ އިތުރުން، ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓްރީގެ ޑިރެކްޓާ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް، އަޙުމަދު ޝާން ވަނީ މި ޗާޓު އެކުލަވާލުމުގައި ޤައުމީ ފެންވަރުގެ މާހިރުން ބައިވެރިވި ގޮތުގެ ތަފުސީލު ހިއްސާކުރައްވާފައި އެވެ. އެގޮތުން ވޯކްޝޮޕްތަކާއި، ސީދާ މައިދާނަށް ނުކުމެ މައުލޫމާތު ކަށަވަރު ކުރުމާއި، އެކި މަރުހަލާ ތަކަށް ބަހާލައިގެން ކުރެވުނު މަސައްކަތްތަކުން ޗާޓު ފުރިހަމަ ކުރެވުނު ގޮތް އޭނާ ބަޔާންކުރެއްވި އެވެ. އަދި މި މަސައްކަތުގައި ރާއްޖޭގެ ލޯކަލް މައުލޫމާތުތަކުގެ އިތުރުން "އާތު އޮބްޒަވޭޝަން" އާއި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާކަން ޝާން ފާހަގަކުރެއްވި އެވެ.
މި ޗާޓަކީ ޤައުމީ ބޭސްލައިނެއްގެ ގޮތުގައި އެންމެންނަށް ވެސް ބޭނުން ކުރެވޭނެހެން އާންމުކޮށް ހުޅުވާލެވިގެންދާނެ އެއްޗެކެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މި މަސައްކަތް ރާއްޖޭގެ ކަނޑުގެ މާހައުލުތަކާއި، ފަރުތަކުގެ އިކޯސިސްޓަމްތައް ހިމެނޭހެން ފުޅާ ކުރުމަކީ ރާއްޖޭގެ އަމާޒެއް ކަމަށް މި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް