މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމިއްޖެ
ލިޔުންތެރިޔާ
އައްޑު އަތޮޅު ހުޅުދޫގައި ބޭނުން ކުރަމުން އަންނަ، މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބައްލަވާލައްވަން މިނިސްޓަރު ޝިޔާމް ވަޑައިގެންނެވި ދުވަހުގެ ތެރެއިން.
އައްޑު އަތޮޅު ހުޅުދޫގައި ބޭނުން ކުރަމުން އަންނަ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެކްނިކަލް އިންޗާޖް އަޙުމަދު ފާރޫޤު ވިދާޅުވެފައި ވަނީ، މިވަގުތު ކުރެވެމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ މިފްކޯ ބަނދަރު ތަރައްޤީ ކުރުން ކަަމަށެވެ. އޭނާ ވިދާޅުވީ އެ ބަނދަރަކީ، ރާއްޖެ އިން ބޭރަށް ފިނި ކުރި މަސް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ތަރައްޤީ ކުރަމުން އަންނަ ބަނދަރެއް ކަމަށެވެ.
ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު ވަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލެވިފައި ކަމަށެވެ. މި ބަނދަރަކީ މިފްކޯގެ އެހެން ސައިޓުތަކަށް މަސް ގެންދިޔުމަށް ވެސް ބޭނުން ކުރެވޭނެ ބަނދަރެއް ކަމަށް ފާހަގަ ކުރައްވައި ފާރޫޤު ވިދާޅުވީ، މިހާރު ވެސް އެ ބަނދަރުން އަންނަނީ ޚިދުމަތް ދެމުން ކަމަށެވެ.
މިފްކޯގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑު (އެމްޓީސީސީ)އާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަން، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވެސް ވަނީ އެތަނަށް ޒިޔާރާތް ކުރައްވައިފަ އެވެ.
މި ބަނދަރަކީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ ބަނދަރެކެވެ. އެގޮތުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ އިތުރުން، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެ އެވެ. ފިޝަރީޒް މިނިސްޓްރީ އިން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް