ތާރީހީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއަށް: "މިސްޓަ ބައިބަލާ" އަކަށް ނައްވާފް
ލިޔުންތެރިޔާ
މާޒިޔާ، "މެލޭޝިއާ ބައިބަލާ ޗެލެންޖް"ގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ -- ފޮޓޯ/ބައިބަލާ އެސޯސިއޭޝަން
އަހަރުތަކެއްގެ ދިގު މެދުކެނޑުމަކަށްފަހު ބައިބަލާއަށް އެނބުރި އައިސް، ރާއްޖެއިން ބޭރުގައި މުޅިން އަލަށް ބޭއްވި ތާރީހީ ބައިބަލާ މުބާރާތް، "މެލޭޝިއާ ބައިބަލާ ޗެލެންޖް"ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފި އެވެ.
މެލޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ ފައިނަލް މެޗުގައި ޒެޕޯ ސްޕޯޓްސް ކުލަބާ ވާދަކޮށް، ސީދާ ދެ ގޭމު ކާމިޔާބު ކޮށްގެންނެވެ. އަދި މި މުބާރާތުގެ އެންމެ ޝަރަފުވެރި "މިސްޓަރ ބައިބަލާ" ގެ މަގާމު ހޯދީ ޒެޕޯގެ ކުޅުންތެރިޔާ މުހައްމަދު ނައްވާފް (މާކީ) އެވެ.
އެންމެ ފަހުން ނިމިދިޔަ ފިތުރު އީދުގައި ބައިބަލާ އެސޯސިއޭޝަނުން ބޭއްވި އީދު ބައިބަލާގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޒެޕޯ އެވެ. އަދި އެ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ވެސް ނައްވާފް އެވެ.
ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި މިހާތަނަށް ކުޅެފައިނުވާ، ދިވެހިވަންތަ މި ކުޅިވަރު މެލޭޝިއާގައި ބާއްވަން ނިންމީ އެ ގައުމުގައި އުޅޭ ދިވެހިންނަށް ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް މުބާރާތް އިންތިޒާމުކުރި "މަޑި" ޖަމިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މެލޭޝިއާގެ "މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (މަޑި)" އިން އިސްނަގައިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު އަދި ކުރިން މިސްޓަ ބައިބަލާ ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޖުމްލަ ފަސް ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. އެއީ ޒެޕޯ އާއި މާޒިޔާގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބާއި ސްޕާޓަންސް އަދި ޒެޕޯ ނިއު ޖެނެރޭޝަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް