Article Top
ކުޅިވަރު •

އަކޫ އެނބުރި އައި މެޗުން މޮޅުވެ ވިކްޓަރީ އެއްވަނައިގައި ލީޑު ފުޅާކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އަކޫ އެނބުރި އައި މެޗުން މޮޅުވެ ވިކްޓަރީ އެއްވަނައިގައި ލީޑު ފުޅާކޮށްފި

އަކޫ މޭން އޮފް ދަ މެޗް ޓްރޮފީއާ އެކު -- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގައްދޫ ރެކްރިއޭޝަން ކްލަބް 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ގަލޮޅު ގައުމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ މޮޅު ކުޅުމެއްދައްކައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި އޭރިއާ ރޮނގުކައިރިން ވިކްޓަރީގެ އަހުމަދު ހަސަން (އައްމަޑޭ) ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ، ގައްދޫގެ ސާބިއާ ކީޕަރު ބޯޖާން ވުކްމިރޯވިޗް އަތުގައި ޖެހިފައެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް، އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން އަހުމަދު މާއިޝް ރަޝީދު (މާއި) ވަނީ ބޮލުން ޖަހައި ވިކްޓަރީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

Advertisement
Article Inside

މި މެޗުގައި ގައްދޫގެ ކީޕަރު ބޯޖާން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ފުރަތަމަ ޑިވިޝަނަށް މުޅިން އާ ކީޕަރެއް ކަމަށްވާ ސަބާހް މުހައްމަދެވެ. ފަހު ވިއްސަކަށް މިނިޓަށް ބެންޗުން ކުޅެން އަރައި އޭނާ ވަނީ ޓީމު ކޮޅަށް އިތުރަށް ގޯލެއް ވަނަ ނުދީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.

މީގެއިތުރުން، ދެ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ގައުމީ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އަކްރަމް އަބްދުލް ގަނީ (އަކޫ) ވިކްޓަރީގެ ޖާޒީގައި އަލުން ކުޅެން ނުކުތުން ވެގެންދިޔައީ މެޗުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަށެވެ. ދެވަނަ ހާފުގައި އަކޫ ކުޅެން އަރުވާފައިވާއިރު، މި ހާފުގައި ވިކްޓަރީގެ ކެޕްޓަން ނާއިޒު ހަސަން (ދާދު) އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އަކޫ އެވެ.

އަކޫ އެންމެ ފުރަތަމަ ވިކްޓަރީއަށް ކުޅުނީ 2012 ވަނަ އަހަރެވެ. އަނިޔާގެ ކުރިން އަކޫ އެންމެ ފަހުން ކުޅުނީ 2023/24 ސީޒަންގެ ދެވަނަ ޑިވިޝަންގައި ވިކްޓަރީއަށެވެ. އެ އަހަރުގެ ފައިނަލަށް ޓީމު ގެންގޮސްދީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި މުހިއްމުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އަށް އަނިޔާ ވީ އެ ސީޒަނަށް ފަހު އެވެ.

ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަކޫ ވަނީ 2022 ވަނަ އަހަރު ވެސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. ވެލެންސިއާ އިން ކެރިއަރު ފެށި އަކޫ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އަދި މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް އާއި އީގަލްސް އަށް ވެސް ވަނީ ކުޅެފަ އެވެ. ދެ އަހަރެއްހާ ދުވަސް ފަހުން އަކޫ އެނބުރި ކުޅުމުގެ ތެރެއަށް އައި އިރު، އަކޫ އެންމެ ފަހުން ޕްރިމިއާ ލީގު ކުޅުނީ 2023 ވަނަ އަހަރު މާޒިޔާއަށެވެ.

ލީގުގައި ކުޅުނު ހަ މެޗުން ބަލިވި ނަމަވެސް، ގައްދޫ ޓީމުން މިރޭގެ މެޗުގައި ކުރީގެ މެޗުތަކަށްވުރެ ބޮޑަށް އެޓޭކަށް ބޯޅަ ގެންދިއުމަށް އަވަސް ކުޅުމެއް ދެއްކި ނަމަވެސް، ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު ޔާމީން ވަނީ އެ ޓީމުން އުފެއްދި ހަމަލާތައް ދިފާއުކޮށްފަ އެވެ.

މުހައްމަދު ސިޔާޒް (މޯހަން) ގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ވިކްޓަރީން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައިވާއިރު، އެ ޓީމު އެއްވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް