ރިސޯޓު ކުލީ ގޮތުގައި ލިބުނު އާމްދަނީ 1.6 ބިލިއަންގައި، މިއީ 10.8 އިންސައްތައިގެ އިތުރުވުމެއް
ލިޔުންތެރިޔާ
ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ ރިސޯޓެއް.
މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 1.6 ބިލިއަން ދިވެހި ރުފިޔާ ވަނީ ލިބިފައި އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހާ އަޅާބަލާއިރު، 10.8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ.
ރިސޯޓު ތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ދެމުން އަންނަ ރިސޯޓު ތަކުގެ އަދަދު އިތުރުކޮށް، ނުހެދި ހުރި ރިސޯޓުތައް ނިންމުމަށް ވެސް ބާރު އަޅަމުންނެވެ. ރާއްޖޭގައި މިވަގުތު 180 ރިސޯޓަކުން ޚިދުމަތް ދެމުން އަންނައިރު، ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަދަދު އިތުރު ކުރުމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކުރަމުން އަންނަ ތަފާސް ހިސާބު ތަކަށް ބަލާއިރު ވެސް، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި އެވެ. އެހެންކަމުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް