އެމްޑީޕީ އިން ކުރި ކަމަކީ ފައިސާ ޗާޕު ކުރުން، އިޤްތިޞާދު ހަމަޔަަކަށް އަޅުވަނީ މި ސަރުކާރުން: މެމްބަރު ޒަރީރު
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޒަރީރު.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކުރި ކަމަކީ ފައިސާ ޗާޕު ކުރުން ކަމަށާއި، އިޤްތިޞާދު ހަމަޔަަކަށް އަޅުވަމުން އަންނަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީ އިން ގެނެސްދޭ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ ދުވަހަކު ވެސް ނުދަރާ މިންވަރަށް ދަރާފައި ކަމަށެވެ. ކުރީގެ ސަރުކާރު ތަކުން ނަގާފައިވާ ދަރަނިތަކާ އެކު، ރައީސް މުޢިއްޒުގެ ސަރުކާރުން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި އަދާކޮށްފައިވާ ކަމަށް މެމްބަރު ފާހަގަ ކުރެއްވި އެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދީ ހަމަޔަަކަށް އެޅުވުމުގެ މަސައްކަތްކަން ފާހަގަ ކުރައްވައި މެމްބަރު ޒަރީރު ވަނީ، އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ވާހަކަ ތަފްސީލު ކޮށްދެއްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް ޞޯލިޙުގެ ސަރުކާރުގައި ފައިސާ ޗާޕު ކުރި ކަމަށާއި، 8 ބިލިއަން ދިވެހި ރުފިޔާ ޗާޕު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިވި ކަމަށާއި، ޑޮލަރުގެ މައްސަލަ އިން އަދިވެސް އަރައި ނުގަނެވޭ ކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަނީ އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް ކަމަށާއި، ދުނިޔޭގެ މާލީ އެކި އެކި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަކީ ރާއްޖޭގެ ރޭޓިން މަތިވަމުން އަންނަ އައުން ކަމަށް ވެސް މެމްބަރު ޒަރީރު ވަނީ ވިދާޅުވެފައި އެވެ.
ދާދި ފަހުން މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައި އެވެ. އެކަމަށް އިޝާރާތް ކުރައްވައި މެމްބަރު ޒަރީރު ވިދާޅުވީ، ރާއްޖޭގެ ރޭޓިން މައްޗަށް ދިޔުމުގެ މައިގަނޑު ހެއްކަކީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ސަރުކާރުން ހަވާލު ކޮށްފައިވަ ރަސްމާލޭގެ ބިޔަ މަޝްރޫއު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް