އުވާލަން ނިންމި އާރުޑީސީގެ އެމްޑީ ނަޒީމް ވެސް ވަކިކޮށްފި، ވަގުތީ ގޮތުން ހިންގުން ސައުދީ އަށް
ލިޔުންތެރިޔާ
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ނަޒީމް.
އުވާލަން ނިންމާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި، އިބްރާހީމް ނަޒީމް މަޤާމުން ވަކި ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައި ވަނީ އާރުޑީސީގެ އެމްޑީގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން ނަޒީމް ވަކި ކުރައްވާފައިވާ ކަމަށެވެ. އަދި އާރުޑީސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައުދީ އައްޔަން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ނަޒީމް އައްޔަން ކުރައްވާފައި ވަނީ 2025 ވަނަ އަހަރު އެވެ. އެއީ އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި އަޙުމަދު ޒުހެއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބަދަލު ކުރުމަށް ފަހު އެވެ. އާރުޑީސީއާ ހަވާލުވުމުގެ ކުރިން ނަޒީމް ހުންނެވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި އެވެ.
އާރުޑީސީގެ އެމްޑީގެ މަޤާމުން ނަޒީމް ވަކި ކުރައްވާފައިވާއިރު، އެ ކުންފުންޏަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އުވާލަން ނިންމާފައިވާ ކުންފުންޏެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން، އާރުޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް