ޑިސެމްބަރު 1 އިން ފެށިގެން ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކޮށްދޭން ޖޭއެސްސީ އިން ނިންމައިފި
ލިޔުންތެރިޔާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަލީ ރަޝީދު.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި، އަލްއުސްތާޛް އަލީ ރަޝީދު ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރިޓަޔާ ކޮށްދޭން ނިންމައިފި އެވެ.
ފަނޑިޔާރު އަލީ ރަޝީދު ވަނީ ރިޓަޔާ ކުރައްވަން ބޭނުންފުޅުވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެކަން ހުށަހެޅުއްވީ ނިމުނު އޮކްޓޫބަރު މަހުގެ ތެރޭގައި އެވެ. އަމިއްލަފުޅަށް ރިޓަޔާ ކުރައްވަން ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނެ، ޖޭއެސްސީ އިން މިހާރު ވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަލީ ރަޝީދު ރިޓަޔާ ކޮށްދޭން ނިންމައިފަ އެވެ.
ޖޭއެސްސީ އިން ބުނެފައި ވަނީ އެ ކޮމިޝަން އިން އެ ނިންމުން ނިންމާފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަަމަށެވެ. އަދި ފަނޑިޔާރު އަލީ ރަޝީދުގެ ބަދަލުގައި، ސުޕްރީމް ކޯޓަށް އެހެން ފަނޑިޔާރަކު ހޯދުމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖޭއެސްސީ އިން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލީ ރަޝީދު އައްޔަން ކުރައްވާފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލީ ރަޝީދު ހުންނެވީ، ކްރިމިނަލް ކޯޓުގެ ގާޒީގެ މަޤާމުގައި އެވެ. އަލީ ރަޝީދު ވަނީ އޭގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ.
އަލީ ރަޝީދާ އެކު ސުޕްރީމް ކޯޓުގައި ބެންޗުގައި ތިއްބަނީ ހަ ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އާއި، ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމް އާއި، ފަނޑިޔާރު ޙުސެއިން ޝަހީދު އާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް