Article Top
ޚަބަރު •

އިތުބާރު އޮތް ކަމަށް ފާސްވުމުން ސާބިތުވަނީ، ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ޔަޤީންކަން: މިނިސްޓަރު ސައީދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިތުބާރު އޮތް ކަމަށް ފާސްވުމުން ސާބިތުވަނީ، ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ޔަޤީންކަން: މިނިސްޓަރު ސައީދު

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު.

ރައްޔިތުންގެ މަޖިލީހުން އިތުބާރު އޮޮތް ކަމަށް ފާސްވުމުން ސާބިތުވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އޮތް އިތުބާރާއި ޔަޤީންކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ސައީދު އަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައި ވަނީ 54 މެމްބަރުންގެެ ވޯޓާ އެކު އެވެ. މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 10 މެމްބަރުންނެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި އޭނާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، ނުހަނު ތެދުވެރިކަމާއެކު މަޖިލިހަށް ޖަވާބުދާރީ ވެފައި ކަމަށެވެ. އަދި ޖަވާބުދާރީވާން ދެއްވި 60 މިނިޓުގެ ތެރޭގައި ބެއްލެވީ ވީހާ ވެސް ތަފުސީލުކޮށް މަޖިލީހުގެ ތަޅުމުގައި ކަންކަން ކިޔައިދިނުމަށް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ އޭނާއާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން، ޕީއެންސީގެ މަޖިލީހުގެ އެންމެހާ މެންބަރުން ބެހެއްޓެވި ގާތް ކަމާއި، އެކުވެރިކަމާއި ކުރެއްވި އިތުބާރަށް ނުހަނު އިޚްލާސްތެރި ޝުކުރެެއް އަދާކުރައްވާ ކަމަށެވެ. އަދި ވިދާޅުވި އޯގާތެރި ހެޔޮ ބަސްފުޅު ތަކަށް ވެސް ފަށްފަށުން ޝުކުރު ދެންނެވި އެވެ.

ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުން މިނިސްޓަރު ސައީދު އަށް އިތުބާރު އޮތް ކަމަށް ފާސްކުރުމުން އަންގައިދެނީ، ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި، އެމަނިކުފާނުގެ މެނިފެސްޓޯގެ އިތުރަށް، ދުރުވިސްނޭ ހިކުމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ކަށަވަރުވުން ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އޭނާ ކުރަައްވަމުން އަންނަނީ ރައީސް މުޢިއްޒު ހަވާލު ކުރައްވާފައިވާ މަސައްކަތް ކަަމަށެވެ. އަދި ރާއްޖެ ބަނގުރޫޓު ވިޔަ ނުދީ ސަލާމަތް ކުރައްވާފައިވާ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދުގެ ރޭޓިން މަތި ކުރައްވައި، މާލީ އިތުބާރު އިޔާދަކޮށްދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ވާރުތަވި އިޤުތިޞާދީ އެތައް މައްސަލަ އަކަށް ޙައްލު ހޯއްދަވާފައިވާ ކަމަށާއި، މި ޤައުމުގެ އިޤުތިޞާދު ތަރައްޤީ ވެފައިވާ ޤައުމުތަކުގެ އިޤުތިޞާދާ އެއްސަފަށް ގެންދެވޭނެ ތަސައްވަރުތައް އެކުލަވާލައްވައި، ޢަމަލީ ސިފަ ގެނަސްދެއްވަން ފައްޓަވާފައި ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ވެސް ގުޅިލާމެހެނީ ދުނިޔޭގެ އޮއިވަރާ ކަމަށާއި، އެއީ ދެބަސް ނުވެވޭނެ ޙަޤީޤަތެއް ކަމަށެވެ. ނަމަވެސް މައްސަލައެއް އުފަންވުމުން، ނުވަތަ އޮތް މައްސަލައެއް ޙައްލު ކުރުމަށް އެކި ސަރުކާރު ތަކުން ޢަމަލު ކުރާ ގޮތް އެއީ އެކަމެއްގެ ކާމިޔާބާއި ނާކާމިޔާބުގެ ތަފާތު ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން މި ސަރުކާރުގެ ކާމިޔާބީ އަކީ ނަންބަރު ތަކުން ފެންނަންހުރި ހަގީގަތްތަކެއްކަން މިއަދު ސާބިތުކޮށްދީފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި އެ މައުޟޫގައި އެމްޑީޕީ އިން އޭނާއާ ކޮށްފައިވާ ސުވާލުތަކުގައި އޭނާގެ މެންޑޭޓާއި ސީދާ ނުގުޅޭ އެތައް ސުވާލެއް ހުރި ނަމަވެސް، އެ ހުރިހާ ސުވާލަކަށް ވެސް ހަގީގަތް ހާމަކޮށް ތެދުވެރިކަމާއެކު ޖަވާބުދާރީވެފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރަކީ ހުޅުވާލެވިފައިވާ، ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި، ނިމިދިޔަ ސަރުކާރުތަކާ ޚިލާފަށް ރައްޔިތުންނަށް ޖަވާބުދާރީ ވުމުގައި ލާމަސީލު މިސާލު ދައްކަމުންދާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން އެއީ ރައީސް މުޢިއްޒު އެމަނިކުފާނުގެ ވަޒީރުންނަށް ވެސް އަބަދުމެ އިރުޝާދު ދެއްވާ ކަމެއް ކަމަށާއި، ރައްޔިތުންނާއި ދިވެހި ޤައުމު އިސްކޮށް މާތްވެގެންވާ އިސްލާމްދީނާއި، ޤާނޫނު އަސާސީގެ ހުދޫދުގެ ތެރޭގައި ކަންކަން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރުގެ ކާމިޔާބަކީ ރައީސް މުޢިއްޒުގެ ޤިޔާދަތާއި ލީޑާޝިޕްގައި ބަދަހި ޓީމެއްގެ ގޮތުގައި ކުރަމުން އަންނަ ހިންމަތްތެރި މަސައްކަތް ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް