އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މަލަމަތި އޮތީ ދަރަނިވެރިވެ، ބަނގުރޫޓުވާ ގޮތަށް: މިނިސްޓަރު ސައީދު
ލިޔުންތެރިޔާ
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.
އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ މަލަމަތި އޮތީ ދަރަނިވެރިވެ، ބަނގުރޫޓުވާ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީ އިން މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަަމަށް ހުށަހެޅި މައްސަލައިގައި ބުދަ ދުވަހު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ މަލަމަތި އޮތީ ދަރަނިވެރިވެ، ބަނގުރޫޓުވާ ގޮތަށް ކަމަށެވެ. އަދި އެއީ އެމްޑީޕީ އިން ގެނެސްދީފައި އޮތް ނާމާން މަލަމައްޗެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން އެކަން ބަދަލު ކުރުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމަކީ ޤައުމުގެ އިޤްތިޞާދުގެ އެންމެ މުހިންމު ސިނާއަތް ކަަމަށްވާތީ އެ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގައި ހިފަހައްޓަން 20 އިންސައްތަ އަށް ބޮޑުވެ، 40 އިންސައްތަ އަށް ބޮޑުވި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މިނިސްޓަރު އެ އިޝާރާތް ކުރެއްވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭ ގޮތަށް، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހަށެވެ.
އެއާއެކު މިނިސްޓަރު ސައީދު ވިދާޅުވީ، އެކަމުން ލިބުނު ޑޮލަރު އަދި އިތުރުވި ޑޮލަރު ބޭނުން ކޮށްފައި ވަނީ ރާާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި، ޙައްޖާއި އުމްރާ އަށް ދަތުރު ކުރާ ފަރާތްތަކާއި، ބޭސްފަރުވާ އަށް ދަތުރުކުރާ ފަރާތްތައް އަދި ވިޔަފާރިތަކުގެ ޓީޓީ ދެގުނަ ވެގެން ދިޔަ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވި އެވެ.
މިއަދު ވެސް ދުނިޔެ އޮތީ އޮތް ޙާލަތެއްގައި ކަަމަށާއި، ދުނިޔޭގައި ހިނގަނީ ހަނގުރާމަ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ ދަރަނިވެރިވިޔަ ނުދީ، އެމްޑީޕީ އިން ކުރިން ގެނައި ނަމާން މަލަމަތި ސަލާމަތްކޮށް، ވިޔަފާރިތަކާއި، ރައްޔިތުންގެ ތަމައްދުން އަދި ތަރައްޤީ އަށްޓަކައި ދަތި ޙާލުގައި ވެސް 100 އިންސައްތަ ކުރިއެރުން މި ސަރުކާރުން ހޯދާފައިވާ ކަމަށެވެ.
"ދުނިޔެ އޮތީ އޮތް ޙާލަތެއްގައޭ، ދުނިޔޭގައި ހިނގަނީ ހަނގުރާމަ. މި ނިކަމެތި ދިވެހިރާއްޖެ ނުދަރާ، އޭރު އެމްޑީޕީ އިން ގެނައި ނާމާން މަލަމަތި ސަލާމަތްކޮށް، ވިޔަފާރިތަކާއި، ރައްޔިތުންގެ ތަމައްދުން، ތަރައްޤީ އަށްޓަކައި، އޮތް ދަތި ޙާލުގައި ވެސް ސަތޭކަ ޕަސެންޓުގެ ކުރިއެރުމެއް މި އޮތީ އައިސްފައި. އެހެންވީމާ އަޅުގަނޑާ މެދު ކޮށްފައި އޮތް ތުހުމަތަކީ މުޅިން ހަގީގަތާ އެއްގޮތް ވާހަކައެއް ނޫން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެމްޑީޕީގެ 13 މެމްބަރުން ސޮއި ކުރައްވައި، މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި އެވެ. ނަަމަވެސް، ބުދަ ދުވަހުގެ ޖަލްސާ އަށް ހާޒިރުވެ މިނިސްޓަރު ސައީދު ވަނީ އެކަމަށް ޖަވާބުދާރީވެ ވަޑައިގެންފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް