އިންޑިއާ އާއި ރާއްޖެ މެޗަކީ ވެސް ފައިނަލެއް: ޕާކިސްތާން ކޯޗު ސޮލާނޯ
ލިޔުންތެރިޔާ
ސޮލާނޯ -- ފޮޓޯ/ހައިދަރު އަލީ: ދި ގާޑިއަން
ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފުރަތަމަ އަމާޒަކީ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށާއި، ގްރޫޕް ސްޓޭޖުގައި އިންޑިއާއާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ކޮންމެހެންވެސް ކާމިޔާބުކުރަންޖެހޭ ފައިނަލް ތަކެއްގެ ގޮތުގައި ދެކޭ ކަމަށް ޕާކިސްތާން ގައުމީ ޓީމުގެ ކޯޗު، ޕެރޫގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ.
ޕާކިސްތާނުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަހަކަ ދައްކަމުން ސޮލާނޯ ފާހަގަކުރި ގޮތުގައި، ރާއްޖެއާއި އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ މުބާރާތްތަކުން ލިބުނު ތަޖުރިބާގެ ސަބަބުން ޓީމު މިހާރު އޮތީ މާބޮޑަށްވެސް ރަނގަޅު ފެންވަރެއްގަ އެވެ.
"އަހަރެމެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް މި ވިސްނަނީ. ފުރަތަމަ ފައިނަލް މި އޮތީ އިންޑިއާއާ ދެކޮޅަށް، ދެން ދެވަނަ ފައިނަލް މި އޮތީ ރާއްޖެއާ ދެކޮޅަށް،" ސޮލާނޯ ބުންޏެވެ.
ޕެރޫއާއި ޗިލީގެ ފުޓްބޯޅަ ކުރިމަތިލުންތަކާ ޕާކިސްތާނާއި އިންޑިއާގެ ވާދަވެރިކަން އެއްގޮތްކަމަށް ސިފަކުރަމުން، ސޮލާނޯ ބުނީ މިފަދަ މެޗުތަކަކީ ސަޕޯޓަރުންނަށްޓަކައި އަދި ކުޅުންތެރިންނަށްޓަކައި ބޮޑު މޯޓިވޭޝަނެއް ލިބިގެންދާ ހާއްސަ މެޗުތަކެއް ކަމަށެވެ.
ފީފާ ބްރޭކުން ބޭރުގައި މުބާރާތް ފެށޭތީ، ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ޕާކިސްތާންގެ ޑިއާސްޕޯ ކުޅުންތެރިންނަށް ފުރަތަމަ މެޗުތައް ގެއްލުނު ނަމަވެސް، އެކަމާ މެދު ކޯޗު ކަންބޮޑެއް ނުވެއެވެ.
"އަހަރެމެންގެ ލޯކަލް ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް. ގައުމީ ޓީމުގެ ދޮރު ހުންނާނީ ރަނގަޅު މެންޓަލިޓީއާއި ފެންވަރު ހުރި ކުޅުންތެރިންނަށް އަބަދުވެސް ހުޅުވާލެވިފައި،" އޭނާ ފާހަގަކުރި އެވެ.
ފުޓްބޯޅައަކީ ވަކި ކުޅުންތެރިޔެއްގެ މޮޅުކަމަށްވުރެ ބޮޑަށް އެކުއެކީގައި މަސައްކަތްކޮށްގެން ނަތީޖާ ނެރެވޭ ކުޅިވަރެއް ކަމަށް އޭނާ ބުންޏެވެ. ފީފާ އާސިއާން ކަޕްގައި ތައިލެންޑް އަތުން 4-0 އިން ބަލިވި މެޗުން ބޮޑު ފިލާވަޅެއް ލިބިފައިވާކަން ފާހަގަކުރަމުން ސޮލާނޯ ބުނީ، ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ކުޑަވާ ހިނދުކޮޅަކުން ވެސް ބޮޑު އަގެއް ދައްކަންޖެހިދާނެ ކަމަށެވެ. އެހެންކަމުން، ޓީމުގެ އެންމެ ފުރަތަމަ އިސްކަމެއް ދޭނެ ކަމަކީ ޑިފެންސް ލައިން ވަރުގަދަކޮށް ގޯލެއް ނުވަންނާނެހެން ކުޅުން ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ކަންކަމުގެ އިތުރުން، ޕާކިސްތާނުގައި އަންނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ލީގެއް ތަޢާރަފުކުރަން ނިންމާފައިވާ ނިންމުމަށް ސޮލާނޯ ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.
"ރަނގަޅު ޕްރީސީޒަން ތައްޔާރީތަކެއް ނެތި ކުޅުންތެރިންނަށް ސީޒަނަކަށް ނުކުތުމަކީ ބޮޑު ގޮންޖެހުމެއް. އަންނަ އަހަރު ލީގެއް ފެށިގެން ދިއުމަކީ ޕާކިސްތާން ފުޓްބޯޅައިގެ ފެންވަރު މައްޗަށްދާނެ ވަރަށް މުހިންމު ފިޔަވަޅެއް،" ކޯޗު ފާހަގަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް