Article Top
ވިޔަފާރި •

"ބީއެމްއެލް ގޭޓްވޭއާއެކު، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަ ސާބިތުކުރަން ބޮޑު ބާރެއް ލިބޭނެ"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ބީއެމްއެލް ގޭޓްވޭއާއެކު، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަ ސާބިތުކުރަން ބޮޑު ބާރެއް ލިބޭނެ"

ބީއެމްއެލްގެ ކާޑަކުން މީހަކު މުއާމަލާތް ކުރަނީ. - ފޮޓޯ/ބީއެމްއެލް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިވުމަކީ ވިޔަފާރީތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބައިނަލްއަޤުވާމޫ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ ތަނަކުން ވެސް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިވެގެން ދިޔުމަކީ ދިވެހި ވިޔަފާރިތަކުގެ ތަރައްޤީ އަށް އެޅިގެން ދިޔަ ތާރީޚީ އަދި ނުހަނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން އެ ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސް ޑޮލަރު ޑެބިޓް ކާޑު ބޭނުން ކޮށްގެން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެކި ބާވަތްތަކުގެ ބައިނަލްއަޤުވާމީ ސަބްސްކްރިޕްޝަން ތަކާއި، ބޭރުގެ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

ހަމައެހެންމެ، މިއީ ދިވެހި އުފެއްދުންތެރިން ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަ ސާބިތުކުރަން ލިބިގެންދާ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީ އާއި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އަދި ބީއެމްއެލް ގުޅިގެން ތައާރަފުކުރި މި ޚިދުމަތުގެ މައިގަނޑު މަޤުސަދަކީ، ބައިނަލްއަޤުވާމީ މާކެޓުތަކަށް މުދަލާއި، ޚިދުމަތް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާ ސީދާ އެ ފަރާތްތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނެފައި ވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަސައްވުރާ އެއްގޮތަށް، ދިވެހި ޒުވާނުން އަދި ފަންނުވެރިން އަދި ކުދި ވިޔަފާރިތައް ބާރުވެރި ކުރުވައި، އެ ފަރާތްތަކަށް ދުނިޔޭގެ ބާޒާރުން ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެ މިނިސްޓްރީ އަބަދު ވެސް ދެމި އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް