އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓްގެ ޗެމްޕިއަންކަން ޔޫބެ އެކަޑަމީ އަށް
ލިޔުންތެރިޔާ
ޔޫބެ އެކަޑަމީ ޓީމު -- ފޮޓޯ/އޭއޭއައި ސްޕޯޓްސް ކްލަބް
އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް (އޭއޭއައި) ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގެ ބީޗް ވޮލީ ކޯޓުގައި ކުރިއަށްދިޔަ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 – 1 ވަނަ އެޑިޝަން" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޖުމްލަ 12 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ޔޫބެ އެކަޑަމީ ހޯދާފައި ވަނީ ފައިނަލްގައި ރެޓްރޯ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، މުބާރާތުގެ ވަނަދިޔަ ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ވޮލީބޯޅައިގެ ލެޖެންޑް ސައްޔިދު އަލީ އެވެ.

މި މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައިވަނީ މެޅުނަސް ހެޔޮ އެވެ. މީގެއިތުރުން، މި މުބާރާތުގެ ހަތަރުވަނަ މަގާމު ލިބިފައިވަނީ ރެޓްރޯ ޖޫނިއާއަށެވެ.
ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ބޭއްވުނު ބީޗް ވޮލީބޯޅަ ފެސްޓިވަލަކަށްވެފައި، މިއީ އަރަމުން އަންނަ އާ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަން ބައިވެރިން ފާހަގަކޮށްފައިވެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނައަށް 5،000 ރުފިޔާ، ތިންވަނައަށް 3،000 ރުފިޔާ އަދި ހަތަރުވަނަ ޓީމަށް 1،500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް