ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން، ކުދި ޤައުމުތަކުގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅޭ: މިނިސްޓަރު އިރުތިޝާމް
ލިޔުންތެރިޔާ
ކޮމަންވެލްތު ކުދި ޤައުމުތަކުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.
ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅޭ ކަަމަށް، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިރުތިޝާމް މިހެން ވިދާޅުވީ ކޮމަންވެލްތު ކުދި ޤައުމުތަކުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެންޓިގާ އެންޑް ބާބިއުޑާގައި ބޭއްވި އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތައި، ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ވަނީ އެންޓިގާ އެންޑް ބާބިއުޑާގައި އެ ޤައުމާއެކު ކޯ ޗެއާ ކޮށްފައި އެވެ.
މިނިސްޓަރު އިރުތިޝާމްގެ ވާހަކައިގައި ވަނީ އެ ޤައުމުގައި މި ބައްދަލުވުން ބޭއްވުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. ޚާއްސަކޮށް ކުދި ޤައުމުތަކަށް ބައްދަލުވުން ބޭއްވުމާއި، އެ ޤައުމު ތަކަށް އޮތް ފުރުސަތުތައް ފެނިގެންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ދުނިޔޭގެ ކަންކަމަށް އެކި ގޮތް ގޮތުން އަންނަ ބަދަލުތަކާއި، ގޮންޖެހުންތަކުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ. އަދި އެއީ ޤައުމު ތަކަށް އޮތް މާލީ އެހީތެރިކަމާއި، އިންވެސްޓްމަންޓުގެ ފުރުސަތުތައް ހަނިވަމުން އަންނަ ސަބަބެއް ކަމަށް ވެސް މިނިސްޓަރު އިރުތިޝާމްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ހަމައެހެންމެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމުގެ ސަބަބުން މަދު ވަސީލަތްތަކަށް ބާރު ބޮޑުވުމަކީ ވެސް، ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، ދަތިތަކަށް އަލި އަޅުއްވާލައްވައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ތަރައްޤީ ދަމަހައްޓަން ހުރަސް އެޅޭ ކަމަށެވެ.
އިތުރަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރާއްޖެ އިން މިހާރު އަމާޒު ހިފާފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމް ކަމަށެވެ. ރާއްޖެ އިން އަމާޒު ހިފާފައިވާ ލަނޑު ދަނޑި ހާސިލު ކުރުމަށް ބަައިނަލްއަޤުވާމީ މައިދާނުގައި އިތުރު ފުރުސަތުތައް ބޭނުންވާ ކަމަށާއި، ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ފޮރިން މިނިސްޓަރުގެ ވާހަކައިގައި ވަނީ ކުދި ޤައުމުތަކަށް އޮންނަ ފުރުސަތުތައް އިތުރުވާން ޖެހޭ ކަމަށާއި، ދިވެހިރާއްޖެ އިން ވެސް އެކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން އިންސާނީ ޙައްގުތަކުގެ މަޖިލީހަށާއި، އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެ އިން ކުރިމަތިލާފައި ވަނީ ވެސް އެ އަމާޒުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް