23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކަކާ އެކު އިންޑިއާ ސްކޮޑް ފައިނަލް ކޮށްފި
ލިޔުންތެރިޔާ
އިންޑިއާ ޓީމުގެ ކޯޗަކީ 23 އަހަރުން ދަށުގެ ކޯޗު --
ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިންޑިއާ ގައުމީ ޓީމު، 23 އަހަރުން ދަށުގެ 11 ކުޅުންތެރިންނާ އެކު އިއުލާނުކޮށްފި އެވެ.
އިންޑިއާއިން އެކުލަވާލި 28 ކުޅުންތެރިންގެ މި ސްކޮޑުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. މި ކުޅުންތެރިންގެ ތެރެއިން މީގެ ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅެފައިވަނީ 14 ކުޅުންތެރިންނެވެ.
ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ބެންގަލޫރު އެފްސީގެ ސުރޭޝް ސިންގެވެ. އޭނާއަކީ 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމުގެ ވެސް ކުޅުންތެރިއެކެވެ.
މި މަހުގެ 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ މި މުބާރާތުގައި އިންޑިއާ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ނައުޝާދު މޫސާ އެވެ. އަދި އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވަނީ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގައި ވާދަކުރި އިންޑިއާގެ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗު ބިބިއާނޯ ފެނާންޑޭޒް އެވެ.
އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަނުން ބުނީ އިންޑިއަން ސުޕަ ލީގު ކުރިއަށްދާތ، ޓީމަށް ނަގާފައިވާ ބައެއް ކުޅުންތެރިން ގައުމީ ޓީމާ ގުޅޭނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށްފަހު ކަމަށެވެ. އެހެންކަމުން، ނޮވެމްބަރު ތިންވަނަ ދުވަހު ކަލްކަތާއިން ފުރައިގެން ބަންގްލަދޭޝަށް ދާނީ 18 ކުޅުންތެރިންނާ އެކުގަ އެވެ.
އިންޑިއާގެ ފުލް ޓީމު ފުރިހަމަވުން ގާތީ ގްރޫޕް ސްޓޭޖުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ފަހު މެޗަށެވެ. ސީނިއާ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނިއުޒިލެންޑާ އެކު ކުޅޭ ދެ މެޗަށް ފޮނުވަން ބޭނުން ވުމުން، މި މުބާރާތަށް އިންޑިއާއިން ނެގީ ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާއި ދިވެހިރާއްޖެ އަދި ޕާކިސްތާން ހިމެނެނީ އެއް ގްރޫޕެއްގައެވެ. އަދި އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝާއި ބޫޓާނާއި ސްރީލަންކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް