ޝާޒް އަށް ކުއާޓާ ފައިނަލް މެޗު ގެއްލުނީ ފަހު ވަގުތު
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ކުއާޓާ ފައިނަލް މެޗުގައި ޝާޒް -- ފޮޓޯ/ ޝާޒް ފޭސްބުކް
އިންޑިއާގެ އަހުމަދުއާބާދުގައި ކުރިއަށްދާ ދެވަނަ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްސް 2026 ގައި ހަސަން ޝާޒް މުހައްމަދު (އާދު)، ކުއާޓާ ފައިނަލްގައި ނިއުޒިލެންޑް ކުޅުންތެރިޔާ އަތުން ބަލިވެއްޖެ އެވެ.
ނިއުޒިލެންޑްގެ ޝެރިޑަން ބާމެސްޓާއާ ދެކޮޅަށް، 10 ބޯލް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު މެޗުން ބަލިވީ 9-5 ފްރޭމުންނެވެ.
މެޗުގެ ކުރީކޮޅު ޝާޒް އޮތީ ކުރީގަ އެވެ. ދެ ފްރޭމު ކުރީގައި އޮވެގެން ކުރިއަށް ދަނިކޮށް ފަހު ވަގުތު ޝެރިޑަން ވަނީ ކުރި ހޯދައިފަ އެވެ.
ޝެރިޑަން ވަނީ ފައިނަލާ ހަމައަށް ވެސް ދަތުރު ކޮށްފަ އެވެ. ޝާޒްގެ މައްޗަށް ކުރި ހޯދައިގެން ސެމީ ފައިނަލްގައި ވަނީ އިންޑިއާގެ ދިވްޔާ ޝަރުމާ 9-5 ފްރޭމުން ކުރި ހޯދައިފަ އެވެ. ނަމަވެސް ފައިނަލްގައި ބަލިވީ އިނގިރޭސިވިލާތުގެ މާކް ފޮސްޓާއާ ވާދަކޮށް 4-1 ފްރޭމުންނެވެ.
ޝާޒް ވަނީ 10 ބޯލް ޗެމްޕިއަންޝިޕްގެ ވިނާޒް ބްރެކެޓުގެ ފުރަތަމަ މެޗުގައި މުބާރާތުގެ ފުރަތަމަ އަހަރު، މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ދެކުނު އެފްރިކާގެ ކްރެއިގް ބައުވާއާ ވާދަކޮށް މޮޅުވެފަ އެވެ. އެ މެޗުން ޝާޒް މޮޅުވީ 9-6 ފްރޭމުންނެވެ.
މިއީ މި ގޭމްސްގައި ދިވެހި ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ. ދެވަނަ ކޮމަންވެލްތު ކިއު ގޭމްސްގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިންނަކީ ޝާޒްގެ އިތުރުން އާމިނަތު އަޒްރާ އާއި ދީނާ އަހުމަދެވެ. އެގޮތުން 10 ބޯލް އަންހެނުންގެ ޗެމްޕިއަންޝިޕްގެ ވިނާޒް ބްރެކެތްގައި އަޒްރާ އާއި ދީނާ ވެސް ވާދަ ކުރި އެވެ.
އަޒްރާގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާގެ އެޒެއްޓޭ ކޮއޭން އާ ވާދަކޮށް 7-3 ފްރޭމުން ބަލި ވެފައި ވާއިރު، ދީނާގެ ފުރަތަމަ މެޗުގައި ވަނީ ނިއުޒިލެންޑްގެ އެލެކްސެންޑްރިއާ އެންޑްރެސްއާ ވާދަކޮށް 7-2 ފްރޭމުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކުއާޓާގައި ބަލިވީ އޮސްޓްރޭލިއާގެ މެންގް-ސިއާ ހުންގް އަތުން ސީދާ ހަތް ފްރޭމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް