ދެއްވަދޫ ބަލިކޮށް ސައުތު ޒޯން 1 ގެ ޗެމްޕިއަންކަން ތިމަރަފުށްޓަށް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 1 ގެ ފައިނަލުގައި މިރޭ ގއ. ދެއްވަދޫ 3-0 އިން ބަލިކޮށް، ތ. ތިމަރަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ތިމަރަފުށި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް، ދެވަނަ ހާފުގައި ތިމަރަފުށިން ވަނީ ކުޅުން ވަރުގަދަކޮށް ކައިރިކައިރީގައި ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ.
ތިމަރަފުށީގެ ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓުގައި އާދަމް ނާސިހް ކާމިޔާބުކޮށްދިން އިރު، އޭގެ އެންމެ މިނެޓެއް ފަހުން މުހައްމަދު ވިލްފް ވަނީ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، 38 ވަނަ މިނެޓުގައި ތިމަރަފުށީގެ ތިންވަނަ ގޯލު ޖަހައިދިނީ އަހުމަދު އަފްލާޒެވެ.
މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން، ކޮންމެ ޒޯނެއްގެ ވެސް ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް ރީޖަން ލީގުން ފުރުސަތު ލިބޭނެއެވެ. ސައުތު ޒޯން 2 ގެ ފައިނަލް ވެސް މީގެ ކުރިން ނިމިފައިވާއިރު، އެ ޒޯނުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގދ. ވާދޫ 2-0 އިން ބަލިކުރި ޏ. ފުވައްމުލަކެވެ. އެހެންކަމުން، ދެން އޮންނަ ސައުތު ރީޖަން ލީގުގައި ވާދަކުރާނީ ތިމަރަފުށި، ދެއްވަދޫ، ފުވައްމުލައް އަދި ވާދޫއެވެ. މި ހަތަރު ޓީމުގެ މެދުގައި ކުޅޭ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ގައުމީ ފެންވަރުގައި ބާއްވާ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ލިބިގެންދާނެ އެވެ.
ފައިނަލް މެޗަށްފަހު ސައުތު ޒޯން 1 ގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ދީފައެވެ. އެގޮތުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިމަރަފުށީގެ އަހުމަދު އަފްލާޒް ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ތިމަރަފުށި ޓީމުގެ ކޯޗު އާދަމް ނާސިރު އަލީ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ތިމަރަފުށީގެ އަފްލާޒް، އިބްރާހީމް އަސްވަދު (ގަބޭ) އަދި ގޯލްކީޕަރު މުހައްމަދު ޝަރުހާންގެ އިތުރުން، ދެއްވަދޫ ޓީމުގެ ރާހިލް ރަޝީދާއި އަލީ ހައިސަމް (ޗުމްޕު) އެވެ. މީގެ އިތުރުން މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދީ ދެއްވަދޫ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިޔާ ރާހިލް ރަޝީދެވެ.
އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އިސްދޫގެ ލޫތު އަހުމަދު ފަތުހީ ހޯދިއިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ގއ. ވިލިނގިލީ ޓީމުގެ އިސްމާއިލް ވަޖީހެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ލ. ގަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް