Article Top
ކުޅިވަރު •

އީގަލްސް އަތުން ހޯދި މޮޅުގެ ފައިދާ ނެގޭނީ ޓީސީ ބަލިކޮށްގެން: ބުރު

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

އީގަލްސް އަތުން ހޯދި މޮޅުގެ ފައިދާ ނެގޭނީ ޓީސީ ބަލިކޮށްގެން: ބުރު

ބުރު ސްޕޯޓްސް ކޯޗު -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކްލަބް އީގަލްސް އަތުން ހޯދި މުހިންމު މޮޅުގެ ހަގީގީ އަގު ވަޒަންކުރެވޭނީ، ދެން އޮތް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިގެން ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ.

މާދަމާ ރޭ 9:00 ގައި ޓީސީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރޮޑްރިގޭޒް ބުނީ، ލީގު ތާވަލުގައި ދެ ޓީމު ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތުމުން މިއީ ބުރަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

"އީގަލްސް އަތުން ހޯދި ތިން ޕޮއިންޓަކީ މުހިންމު ނަތީޖާއަކަށް ހަދަން ބޭނުންނަމަ، ޓީސީ އަތުން މި ތިން ޕޮއިންޓް ހޯދަން އެބަޖެހޭ. އެއީ ތާވަލުގައި އަހަރެމެން ދެ ޓީމު މިތިބީ އެއްވަރަކަށް ޕޮއިންޓް ލިބިގެން،" ރޮޑްރިގޭޒް ބުންޏެވެ.

"ޓީސީއަކީ ވަރަށް ރަނގަޅު ޓީމެއް. އެ މީހުން ވަރަށް ރަނގަޅަށް ފުޓުބޯޅަ ކުޅޭ، އަބަދުވެސް މަސައްކަތް ކުރަނީ ބޯޅަ ހިފަހައްޓައިގެން ކުޅެން، އަދި އެ ޓީމުގެ ވިންގަރުންގެ ބޭނުން ހިފައިގެން އިދިކޮޅު ހާފުގައި ނުރައްކާ ކުރޭ. އެހެންވީމާ މިއީ ވަރަށް އުނދަގޫ މެޗަކަށް ވާނެ."

މެދުކެނޑުމަކަށްފަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބުރުގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ކޯޗު ވަނީ ތައުރީފުކޮށްފަ އެވެ. އެ މެޗުގައި ބުރުގެ އާންމު ކުޅުމުގެ ސްޓައިލް ނުފެނުނު ނަމަވެސް، ކުޅުންތެރިން ކުރި ބުރަ މަސައްކަތް އޭނާ ފާހަގަކުރި އެވެ. އަދި އީގަލްސް މެޗުގެ ފަހުކޮޅު ބުރުގެ ބައެއް ކުޅުންތެރިންނަށް ވަރުބަލިކަމާއި އަނިޔާގެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ތިން ދުވަހުގެ ކުރު މުއްދަތަކަށްފަހު ޓީސީއާ ދެކޮޅަށް ނުކުންނައިރު ޓީމުގައި އެއްވެސް އަނިޔާއެއް ނެތް ކަމަށް ރޮޑްރިގޭޒް ވަނީ ޔަގީންކަން ދީފައެވެ.

"އަހަރެމެންގެ އާންމު ސްޓައިލްގައި އެހާ ރަނގަޅަށް ނުކުޅެވުނު ނަމަވެސް، ކުޅުންތެރިން ދެއްކި ހިތްވަރު އާދަޔާ ހިލާފު. މެޗެއްގެ ތެރޭގައި އެތައް 'ކުދި މެޗުތަކެއް' ކުޅެން ޖެހޭ. ބައެއް ފަހަރު ރީތި ފުޓުބޯޅައެއް ކުޅެން ޖެހޭއިރު، އަނެއްބައި ފަހަރު ނަތީޖާ ހިފަހައްޓަން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. އަހަރެމެންގެ މައިގަނޑު އަމާޒަކީ މި ދެ ކަންތައް ހަމަހަމަކުރުން،" އޭނާ ބުންޏެވެ.

"ހުރިހާ ކުޅުންތެރިން ވެސް ތިބީ ކުޅެވޭ ހާލަތުގައި. ދިގު މެދުކެނޑުމަކަށްފަހު ވާދަވެރި މެޗަކަށް ނުކުމެ އެހާ ބޮޑު ހިތްވަރެއް ލުމުން، މެޗު ނިމޭ ކޮޅުގައި އެކަހަލަ އުނދަގޫތައް ދިމާވުމަކީ އާންމު ކަމެއް. ކުޅުންތެރިން ވަރުބަލިވެފައި ތިބުމުން ރިކަވާވާން ޖެހޭ، އެކަމަކު ހުރިހާ ކުޅުންތެރިން ވެސް ތިބީ ރަނގަޅު ހާލަތެއްގައި."

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް