ޕެނަލްޓީގައި ނިލަންދޫ ބަލިކޮށް ސެންޓްރަލް ޒޯން 2 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސެންޓްރަލް ޒޯން 2 ގެ ފައިނަލުގައި މިރޭ ޕެނަލްޓީ ޖަހައިގެން 4-3 އިން ފ. ނިލަންދޫ ބަލިކޮށް، ދ. ކުޑަހުވަދޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ކުޑަހުވަދޫގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުޑަހުވަދޫންނެވެ. މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލީ އިބްރާހިމީ އެވެ. ނަމަވެސް، ނިލަންދޫން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައިރިކައިރީގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެގޮތުން، މެޗުގެ 10 ވަނަ މިނެޓުގައި މުހައްމަދު ޝާން ނިލަންދޫއަށް އެއްވަރުކޮށްދިން އިރު، 19 ވަނަ މިނެޓުގައި މޫސާ ޖަމާލް ވަނީ ގޯލެއް ޖަހައި ނިލަންދޫއަށް ލީޑު ހޯދައިދީފަ އެވެ.
ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ކުޑަހުވަދޫން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 30 ވަނަ މިނެޓުގަ އެވެ. ކުޑަހުވަދޫއަށް އެއްވަރުކޮށްދިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އަލީ އިބްރާހިމީއެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަހުވަދޫގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. ކުޑަހުވަދޫއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަލީ އިބްރާހިމީ، ހުސައިން އައިހަމް، ހާރޫން އިބްރާހީމް އަދި އަޔާޒް މުހައްމަދެވެ. އެ ޓީމުން ޖެހި ހަތަރުވަނަ ޕެނަލްޓީ ޖުމައިލް ޖަމީލް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.
ނިލަންދޫގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިޔާޒް އަހުމަދު، މުހައްމަދު ޝައްމާހް ސަލާހް އަދި ހަސަން ރާއިދެވެ. ނިލަންދޫގެ އަހުމަދު ރިޒްވާން އިސްމާއީލާއި މުހައްމަދު ޝާން ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ.
ސެންޓްރަލް ޒޯން 2 ގެ ވަނަތަކަށް ބަލާއިރު، ފައިނަލް މެޗުގައި ދެ ގޯލު ޖަހައިދީ ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިން ކުޑަހުވަދޫގެ އަލީ އިބްރާހީމީ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދައިފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުޑަހުވަދޫ ޓީމުގެ ކޯޗު ހުސައިން ނާސިރެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކުޑަހުވަދޫގެ އަލީ އިބްރާހިމީ އާއި ޖުމައިލް ޖަމީލް އަދި ގޯލްކީޕަރު އަބްދުލް މާނިއުގެ އިތުރުން، ނިލަންދޫ ޓީމުގެ މޫސާ ޖަމާލާއި އަހުމަދު ނަބީލެވެ.
މީގެ އިތުރުން، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ފ. ދަރަނބޫދޫ ޓީމުގެ ޒަލޫފް ހަސަން ހޯދިއިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ނިލަންދޫ ޓީމުގެ އަހުމަދު ނަބީލް އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވ. ކެޔޮދޫ އެވެ.
އެފްއޭއެމް ފުތްސަލް ޒޯން ޗެމްޕިއަންޝިޕްގައި ދެން އޮންނާނީ މާދަމާ ރޭ ކުޅޭ ސެންޓްރަލް ޒޯން 1 ގެ ފައިނަލެވެ. ބައްދަލުކުރާނީ އއ. ބޮޑޫފޮޅުދޫ އާއި ކ. ގާފަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް