Article Top
ކުޅިވަރު •

ދިއްދޫ އަމިއްލަ ދަނޑުގައި ކުޅުނު ތާރީހީ މެޗުން ނިއު ރޭޑިއަންޓް ހުއްޓުވައިފި!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިއްދޫ އަމިއްލަ ދަނޑުގައި ކުޅުނު ތާރީހީ މެޗުން ނިއު ރޭޑިއަންޓް ހުއްޓުވައިފި!

ދިއްދޫ ޓީމު ގޯލެއް ޖެހުމަށްފަހު -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 2-2 އިން ދިއްދޫ ސްޕޯޓްސް އެއްވަރު ކޮށްފި އެވެ.

މެޗުގައި ދިއްދޫން މޮޅު ކުޅުމެއްދައްކައި ލީޑުގައި އޮއްވައި، ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނިޓުގެ ވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ.

Advertisement
Article Inside

މެޗު ފަށައިގެން ފުރަތަމަ 13 މިނިޓު ތެރޭގައި ދިއްދޫ ވަނީ ނިއު ކޮޅަށް ދެ ލަނޑު ޖަހައި ކޮންޓްރޯލް ހޯދައިފަ އެވެ. އެގޮތުން ނުވަވަނަ މިނިޓުގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އުފާލް އަބްދުﷲ ވަނީ ބޮލުން ގޯލަށް ފޮނުވާލައިދީ ދިއްދޫއަށް ލީޑުނަގައިދީފަ އެވެ. އަދި 12 ވަނަ މިނިޓުގައި އުފާލް ތަނަވަސްކޮށްދިން ފުރުސަތަކުން، ގާނާގެ ފޯވާޑް ޓެޓޭ ގިޑިއޯން ވަނީ ނިއުގެ ކީޕަރު އަހުމަދު ސަމީރު ކައިރިން ނައްޓާލުމަށްފަހު ދިއްދޫގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.

ނިއު އިން ކުޅުން ރަނގަޅު ކުރީ 30 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން ނެރުނު ފަހުންނެވެ. އެގޮތުން 34 ވަނަ މިނިޓުގައި ޑޮރިއެލްޓަން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ގޯލަށް ފޮނުވާލައިގެން ނިއު އަށް ފަރަގު ކުޑަ ކޯށްދިނީ ގޯލު ކުރިމަތީ ހުސްކޮށް ހުރި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 10 މިނިޓު ދެއްކި އިރު، އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނިއު އިން އެއްވަރު ކުރީ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލިޓީ ޖަހައިދިން ލަނޑުންނެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ދިއްދޫ އޮތީ ލީގުގެ ހަތްވަނައިގަ އެވެ. އަދި ނިއު ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާ އެކު އެ ޓީމު ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ގޯލުގެ ތަފާތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް