ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: މެޑަމް ސާޖިދާ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މެޑަމް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ޤައުމެއް ބިނާކޮށް ތަރައްޤީކުރުމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ ބިންގަލަށްވުމުގެ އިތުރުން އެއީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލުކަމަށާ، ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ޤައުމަށް ނުހަނު ބޭނުންތެރި ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން މެޑަމް ވިދާޅުވީ އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމަށެވެ.
އެހެންކަމުން ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ. މެޑަމް ވިދާޅުވީ އެކަމަށް މަގުތައް ތަނަވަސްވެ ފުރުސަތުތައް ފަހިވާނެ ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމަށެވެ.
އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި އަދުލު ޤާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީހު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅުކުރިއަށްގެންދަވަމުން މެޑަމް ވަނީ، ރާއްޖޭގެ ތާރީހަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރިބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މެޑަމް ވިދާޅުވީ އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވައި، މުޖުތަމައު ޤަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ހުލްގުހެޔޮ ބަޔަކަށްވުމަށްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވަނީ، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ.
އަދި، ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުސަތަކީ ވަރަށް ތާރީހީ ފުރުސަތެއްކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް