ކުޅިވަރު

ޝާކިއްޓޭ ކޯޗަކަށް ހަމަޖައްސައި، 20 އަހަރުން ދަށުގެ ގައުމީ ޓީމު ކޮލިފައިން އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޝާކިއްޓޭ ކޯޗަކަށް ހަމަޖައްސައި، 20 އަހަރުން ދަށުގެ ގައުމީ ޓީމު ކޮލިފައިން އަށް

20 އަހަރުން ދަށުގެ ގައުމީ ޓީމު ޕްރެކްޓިހުގައި. -- ފޮޓޯ/ ގާފު ސްޕޯޓްސް

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރާ މި އަހަރުގެ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް އަބްދުﷲ ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައި، ކޮލިފައިންގައި ވާދަ ކުރުމަށް މިޔަންމާއަށް ފުރައިފި އެވެ.

މިއަދު ހެނދުނު ގައުމީ ޓީމު މިޔަންމާއަށް ދާން ފުރާފައި ވަނީ 23 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި އިބްރާހިމް ސައީދު (ކަކާ) އާއި އިސްމާއިލް އާސިފް (އާސިއްޕެ) ހިމެނޭ އިރު ގޯލްކީޕަރު ކޯޗަކީ އިމްރާން މުހައްމަދެވެ. ޓީމް ޑޮކަޓަރެއްގެ ގޮތުގައި ހިޝާމް އަލީ ޒަކީ އަދި ފިޒިއޯގެ ގޮތުގައި އަބްދުލް ހަކީމް މޫސާގެ އިތުރުން ކިޓް މެނޭޖަރެއްގެ ގޮތުގައި އިސްމާއިލް ނަސީރު ވަނީ ޓީމާ އެކު ދަތުރު ކޮށްފަ އެވެ. މި ޓީމުގެ މެނޭޖަރަކީ މުހައްމަދު އަބީރު އެވެ.

20 އަހަރުން ދަށުގެ ގައުމީ ސްކޮޑް:
މުހައްމަދު އަބާން ބިން އަބްދުﷲ ޒުބައިރު، ހަސަން ހައިޝަމް ހާމިދު، މުހައްމަދު ޖޫދު އިސްމާއިލް، އަލްހާން ފައިސަލް އަމީން، މުހައްމަދު ނައިސަމް ނަދީމް، މުހައްމަދު ޒީކް އަހުމަދު، އަރުހަމް އަމްޖަދު، އަހްޒަމް ރަޝީދު، މުހައްމަދު އިލާން އިމްރާން، އީތަން އިބްރާހިމް ޒަކީ، ނައްސާހު އިބްރާހިމް ނާސިރު، އަނޫފް އަބްދުﷲ، އަހުމަދު މިކްޔަލް މުއީން، އައިދަން އަހުމަދު މޫސާ، އަލީ ހައިޒޫމް ހަސަން، އަހުމަދު އަފްނާން އަލީ، މުހައްމަދު ޝަމްހާން، ޝައިމަން ރަޝާދު، އައިދު މުހައްމަދު ޖަވީޒު، ހަސަން ގައިސް މުހައްމަދު، އަހުމަދު ހަމީސް އަރީފް، ޒަހުރާން ހަސަން ޒިޔާދު، ނާޝިއު އަހުމަދު ޝިހާމް 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ ޝާކިއްޓޭ އެވެ. އޭގެ ފަހުން އޮތް 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިޔަ ޒުވާން ޓީމުގެ ކޯޗަކީ ވެސް ޝާކިއްޓޭ އެވެ. މި އަހަރު އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ސީނިއާ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. އޭނާގެ ކޯޗިން ޓީމުގައި ވެސް ޝާކިއްޓޭ މަސައްކަތް ކުރި އެވެ.

އޭއެފްސީން ވަނީ މި އަހަރުގެ ކޮލިފައިން އަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކޮލިފައިން ކުރިއަށް ދާނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. ޑިވެލޮޕްމަންޓް ފޭސްގެ ތިން ގުރޫޕުން ވެސް އެންމެ ރަނގަޅު ދެ ޓީމަށް ކޮލިފައިން ފޭސް އިން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރު ޗައިނާގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައި ވާނީ، ކޮލިފިކޭޝަން ފޭސްގެ ގުރޫޕްތަކުން އެއްވަނައަށް ދާ ޓީމުތަކާއި، ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން ގަދަ ހަތް ޓީމެވެ. އަދި ކޮލިފައިން ފޭސްގެ ގުރޫޕްތަކުން ފުލަށްދާ ޓީމުތަކުގެ ތެރޭން ނަތީޖާ އެންމެ ގޯސް ހަ ޓީމު ޑިވެލޮޕްމަންޓް ފޭސް އަށް ރެލިގޭޓް ވާނެ އެވެ.

ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ ހިމެނެނީ މިޔަންމާ އާއި ބުރުނާއީ އަދި ސްރީލަންކާއާ އެކު ގުރޫޕް ކޭގަ އެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހު ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އެއަށް ފަހު އަންނަ ބުރާސްފަތި ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅެ ފަހުމެޗުގައި އަންނަ މަހުގެ ހަވަނަ ދުވަހު މިޔަންމާއާ ދެކޮޅަށް ކުޅޭނެ އެވެ. ގުރޫޕްގެ ގަދަ ދެ ޓީމަށް، 2029 އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ފޭސް އިން ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް