Article Top
ވިޔަފާރި •

އެންމެ ކާމިޔާބު 9 މަސް: ބީއެމްއެލްއަށް 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އެންމެ ކާމިޔާބު 9 މަސް: ބީއެމްއެލްއަށް 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާ

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު، އެ ބޭންކުގެ ތާރީހުގައިވެސް ނުވަ މަސްދުވަހު ނުލިބޭވަރުގެ ބޮޑު އަދަދެއް ސާފު ފައިދާގެ ގޮތުގައި ހޯދައިފިއެވެ.

އަހަރުގެ ސެޕްޓެންބަރު 30 ގެ ނިޔަލަށް ނިމުނު މުއްދަތުގެ މާލީ ނަތީޖާ ދައްކާގޮތުން، ބީއެމްއެލްއަށް ވަނީ 1،93 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައެވެ.

Advertisement
Article Inside

އެއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 36 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކުގެ ރައުސްމާލުވެސް ވަނީ ވަރުގަދަކޮށްފައެވެ. ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ އެޑިކުއެސީ ރޭޝިއޯ ހުރީ 38 ޕަސެންޓްގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 ޕަސެންޓަށްވުރެ ތިންގުނަ އިތުރު އަދަދެއްކަން ބީއެމްއެލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި ނުވަ މަސްދުވަސްތެރޭ ލޯނު ދޫކުރުމުގައިވެސް އައު ރިކޯޑެއް ހެދިފައިވާކަން ބީއެމްއެލްގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި މިދިޔަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެވެސް އިތުރު އަދަދެކެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ބޭރު ފައިސާ ދޫކުރުމުގެ މުއާމަލާތްތަކަށް ބަލާއިރު، 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ފުރަތަމަ 9 މަސްދުވަހު 2.86 ބިލިއަން ޑޮލަރު ވަނީ ރާއްޖޭން ބޭރަށް ފޮނުވާފައެވެ. އަދި ދިވެހި ރުފިޔާއަށް ބަދަލުކޮށްގެން ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ.

މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެކެވެ. މި މުއްދަތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މަހަކަށްޖެހޭ އެވްރެޖަށްވުރެ 31 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް