ޚަބަރު

ބ. އަތޮޅަކީ މާލެއާ 75 މޭލު ދުރު އަތޮޅެއްކަމަކު ހިދުމަތް ތަފާތު ވެގެން ނުވާނެ: މިނިސްޓަރު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބ. އަތޮޅަކީ މާލެއާ 75 މޭލު ދުރު އަތޮޅެއްކަމަކު ހިދުމަތް ތަފާތު ވެގެން ނުވާނެ: މިނިސްޓަރު

މިނިސްޓަރު ޒަރީރު އެމްއައިބީ ބްރާންޗު ހުޅުވަނީ -- ފޮޓޯ/ އެމްއައިބީ

ބ. އަތޮޅުކީ، މާލެ އިން 130 ކިލޯ މީޓަރަށް ވުރެ ދުރުގައި ވާ އަތޮޅެއްކަމަކު އެއީ ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ތަފާތު ވާންޖެހޭ ސަބަބެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އޭދަފުށީގައި ބޭއްވި އެރަށުގެ އެމްއައިބީ ބްރާންޗު ރަސްމީކޮށް ހުޅުވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބ. އޭދަފުށި ބްރާންޗު މިއަދު ހުޅުވުމާ ގުޅިގެން، ބ. އަތޮޅުގައި މާލީ ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ފުޅާވެ، އިޤްތިސާދީ ހަރަކާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އިތުރަށް މިނިސްޓަރު ޒަރީރު ވިދާޅުވީ ޝަރީއާ ހުއްދަ ބޭންކިން ހިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ފޯރުކޮށްދިނުން ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ މައި ތަނބެއް ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ބޭންކިން އަދި މާލީ ހިދުމަތްތަކުން ފައިދާ ލިބިގަތުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބ. އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވެއް ކަމަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ޤައުމީ ފެންވަރުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ސަރަހައްދެއް ކަން ފާހަގަ ކުރައްވަމުން، ފަތުރުވެރިކަމާ ގުޅިފައިވާ ވިޔަފާރިތަކަށާއި، އެ ސަރަހައްދުގެ އިޤްތިޞާދީ ހަރަކާތްތަކަށް ވެސް ބ. އޭދަފުށީ ބްރާންޗު ހުޅުވުމުން ފައިދާ ކުރާނެ ކަމަށެވެ

ރާއްޖޭގެ ހުރިހާ ހިސާބަކަށް ޒަރޫރީ މާލީ ޚިދުމަތްތައް ފުޅާކުރުން ކުރިއަށް ގެންދިއުމަށް އެމްއައިބީ އަދި އެހެނިހެން މާލީ މުއައްސަސާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ކުރެވޭ ކޮންމެ މަސައްކަތަކަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް