ނަޝީދާއި ޔާމީން: ހީހީފައި ނަންގަވާ ފޮޓޯ ތަކުގައި އެއީ އަސްލު މަންޒަރެއް ނޫން!
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޔާމީންއާއި ރައީސް ނަޝީދު--
މުސްކުޅިން އަބަދުވެސް ބުނެ އުޅޭ ވާހަކައެއް އޮވެ އެވެ. ތެލާއި، ފެނާ އެއް ނުވާނެ ވާހަކަ އެވެ. އެއީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް، މިއަދާ ހަމައަށް އަޅުގަނޑުމެންށް އަޑު އިވޭ އެއް ވާހަކަ އަށް ވާނެ އެވެ. އޭގެ ބައެއް މިސާލުތައް ދުނިޔެ އިން ވެސް އަޅުގަނޑުމެންނަށް ފެންނަމުން ދާނެ އެވެ.
މިފަހަކަށް އައިސް އަޅުގަނޑުމެންނަށް އެންމެ އާދަޔާ ޚިލާފު ކަމަކަށް ފެނިގެން މި އުޅެނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެކުގައި ތިއްބަވައި، ހީ ސަމާސާ ކުރައްވައި އަދި އެކުގައި ފޮޓޯ ނަންގަވާ މަންޒަރެވެ. އެކުގައި ޖަލްސާ ތަކަށް ވަޑައިގެން، ދެ ބޭފުޅުން ވެސް ސަރުކާރާ ދިމާލަށް އެއްޗިސް ކިޔާ މަންޒަރެވެ. އެކަމަަކު، އުފެދޭ ސުވާލަކީ ރައީސް ނަޝީދު އާއި ރައީސް ޔާމީން ހަމަ ހަގީގަތުގައި ވެސް އެކައްޗެއް ކިޔައިފާނެ ހެއްޔެވެ؟
ކުރީގެ ތިން ރައީސުން އެކުގައި ބައްދަލު ކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އިއްތިހާދު ހެއްދެވި އެވެ. ތިން ރައީސުން އަތުގައި ހިއްޕަވައިގެން، ތާރީޚީ ފޮޓޯ ތަކެއް ނަންގަވައި، ވަރުގަދަ އިއުލާނެއް ކުރެއްވި އެވެ. އެކަމަކު، އޭގެ ފަހުން ވެސް ރައީސް ޔާމީންގެ ބަހުގެ ހަމަލާތައް ރައީސް ނަޝީދު އަށް އަމާޒު ކުރެއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ފަހު، ރައީސް ނަޝީދު މުންޑު އަނދެގެން ގޭގައި އޮންނެވި ކަމަށް ވިދާޅުވީ ރައީސް ޔާމީން އެވެ.
އެއީ މިއަދެވެ. މީގެ ކުރިން ވެސް އޮތީ ހަމަ އެހެންނެވެ. ރައީސް ޔާމީން އަށް ނިސްބަތް ކުރައްވައި، ރައީސް ނަޝީދު ވެސް ހުރީ އެކަހަލަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. އޯކޭ ނޫނީ ވައްކަން ކަމަށާއި، އޯކޭ ނޫނީ ރައްޔިތުންނަށް ޚިޔާނާތްތެރިވުން ކަމަށް ވިދާޅުވެ، ރައީސް ޔާމީން އަށް އެންމެ ގިނައިން އެއްޗިސް ވިދާޅުވި ބޭފުޅަކީ ރައީސް ނަޝީދު އެވެ. ތާސް ކުޅުއްވަން އިންނެވި ވާހަކަ އާއި، ސިންގަޕޫރަށް ގޮސް މޮޔަވުމަށް ގޮވާލައި، ދެން އެނބުރި މާލެ ވަޑައި ނުގެންނެވޭނެ ކަމަށް ވިދާޅުވީ ވެސް ރައީސް ނަޝީދު އެވެ. އެއީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އެވެ.
ރައީސް ޔާމީން ވެސް ހަމަ އެހެންނެވެ. އިނގިރޭސިވިލާތުގައި ގޮނޑި ދުށްވުމުގެ ބަދަލުގައި، މާލޭ ބްރިޖުގއި ގޮނޑި ދުށްވަން މާ ރަނގަޅު ވާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ފާޑު ވިދާޅުވީ ރައީސް ޔާމީން އެވެ. ދިވެހިން އެއާޕޯޓު ޖީއެމްއާރު އަށް ވިއްކާލައި، ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން މަސައްކަތްކޮށް، ރާއްޖޭގެއި ބުދު ބަހައްޓަން މަސައްކަތްކޮށް، އިސްލާމްދީނާ ޚިލާފު ވާހަކަ ތަކެއް ރައީސް ނަޝީދު ދެއްކެވި ކަމަށް ވިދާޅުވެ، އެންމެ ވަރުގަދަ އަށް ޕޯޑިއަމް ތަކުގައި ރައްދު ދެއްވީ ރައީސް ޔާމީން އެވެ.
ޙަގީގަތް ބަދަލެއް ނުވާނެ އެވެ. މިއަދު އަތުގައި ހިއްޕަވައިގެން، އެއް ސަފެއްގައި ހިންގަވައި، އެ ލޯންޗެއްގައި ދަތުރު ކުރައްވައި، ކިތަންމެ ވަރަކަށް ހީހީފައި ސަމާސާ ކުރެއްވި ނަމަވެސް، ރައީސް ނަޝީދު އާއި ރައީސް ޔާމީން އެއް ގަލަކަށް ނާރާނެ އެވެ. މިވަގުތު ވަގުތީ ފައިދާ އަކަށްޓަކައި، ހިތާ ދެކޮޅަށް ބައެއް މަންޒަރުތައް ދެއްކެވި ނަމަވެސް، ހިތުގައި އެއް ބޭފުޅަކު އެއް ބޭފުޅަކަށް ހެވެއް ނޭދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް