އެފްއޭއެމް 14 އަހަރުން ދަށުގެ ލީގު ފަށައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އެފްއޭއެމް 14 އަހަރުން ދަށުގެ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އެކަޑަމީ އާއި ޓީސީ އެކަޑަމީ ކުޅެނީ. -- ފޮޓޯ/ އެފްއޭއެމް
އެފްއޭއެމް 14 އަހަރުން ދަށުގެ ލީގު އިއްޔެ ފަށައިފި އެވެ.
ޖުމްލަ 10 ޓީމު ވާދަކުރާ ލީގުގެ ފުރަތަމަ ދެ މެޗު އިއްޔެ ހަވީރު ކުޅެފައި ވާއިރު، މުބާރާތް ފެށީ މާޒިޔާ އެކަޑަމީ އާއި ޓީސީ އެކަޑަމީ އެވެ. މި މެޗު 5-1 އިން ކާމިޔާބު ކުރީ މާޒިޔާ އެކަޑަމީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ލޫކް މުހައްމަދު އިސްމާއިލް އެވެ. ލޫކް ވަނީ މި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ކްލަބް ވެލެންސިއާ ވަނީ 7-3 އިން ބީޖީ އެކަޑަމީއާ ވާދަކޮށް މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިކްޔާލް މުހައްމަދެވެ. ވެލެންސިއާގެ މިކްޔާލް ވަނީ ތިން ގޯލު ޖަހުމުގެ އިތުރުން އެއް ގޯލު އެސިސްޓް ކޮށްފަ އެވެ.

އެފްއޭއެމް 14 އަހަރުން ދަށުގެ ލީގުގައި ދެން ވާދަ ކުރަނީ ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބް (އެޗްވައިއެސްސީ)، އޮޑި ސްޕޯޓްސް އެކަޑަމީ، ބިސް ބުރު ސްޕޯޓްސް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް އެކަޑަމީ، އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ (އޭއެފްއޭ) އަދި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ (އެފްއެފްއެފްއޭ) އެވެ. މި މުބާރާތަށް ކޮލިފައިވުމުގެ ގޮތުން އެފްއޭއެމް ވަނީ މި އަހަރުގެ ކުރީކޮޅު އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ކޮލިފަޔާސް ކުރިއަށް ގެންގޮސްފަ އެވެ.
މިއަދު ހަވީރު ވެސް މުބާރާތުގެ ދެ މެޗެއް ކުޅޭނެ އެވެ. އެންމެ ފުރަތަމަ އޮޑި އާއި ވިލިމާލެ ބައްދަލުކުރާ މެޗަށް ފަހު ދެން ބައްދަލުކުރާނީ ބިސް ބުރާއި އެޗްވައިއެސްސީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް