އެމްއައިބީގެ ހިދުމަތް އިތުރަށް ފުޅާކޮށް ބ. އަތޮޅުގެ ތިން ރަށަކަށްެ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ބ. ތުޅާދޫގައި އޭޓީއެމް ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ އެމްއައިބީ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ބ. އަތޮޅުގެ ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ބ. ގޮއިދޫ އަދި ބ. ތުޅާދޫގައެވެ.
އިއްޔެ ރަސްމީކޮށް އެ އޭޓީއެމްތައް ހުޅުވައިދެއްވައިފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ.
ބ، އަތޮޅުގެ ތިން ރަށުގައި އޭޓީއެމްތައް ހުޅުވުމަށްފަހު މިނިސްޓަރު ޒަރީރު ވިދާޅުވީ ބ. އަތޮޅުގެ އުތުރު ކޮޅުގައި، މާލެ އިން 130 ކިލޯ މީޓަރަށް ވުރެ ދުރުގައި ވާ އަތޮޅެއްކަމަކު އެއީ ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ތަފާތު ވާންޖެހޭ ސަބަބެއް ނޫންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ރަށެއްގައި އިގުތިސާދީ ހަރަކާތްތައް ހަރުދަނާ ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށެވެ. އަދި އިގްތިސާދީ ހަރަކާތަތައް ހަރުދަނާކުރުމަށް ޑިސެމްބަރ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ 2026–2030 އަކީ މުހިންމު ސްޓްރެޓެޖީއެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ސިޔާސަތު ގެ ފަސް މައި ތަނބުގެ ތެރޭގައި ޝަރީއަތާ އެއްގޮތްވާ ގޮތުން ހިންގޭ އިސްލާމިކް ފައިނޭންސް ހިމެނޭކަމަށެވެ. އަދި ފައިނޭންސިންއަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފުޅާ ކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ފައިނޭންޝަލް ނިޒާމެއް ބިނާ ކުރުމާއި، ކަސްޓަމަރުންގެ ހާލަތު ރަނގަޅު ކުރުމާއި، ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުން ވެސް ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބޭންކުން ވަނީ ބ. އޭދަފުށީގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވައި އެ އަތޮޅުގައި ބޭންކުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮފައެވެ.
އޭދަފުށީގައި ބޭއްވި އެރަށުގެ އެމްއައިބީ ބްރާންޗު ރަސްމީކޮށް ހުޅުވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޝަރީއާ ހުއްދަ ބޭންކިން ހިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް