މާދަމާ ބާއްވާ ކުޑަކުދިންގެ ހަވީރަކާއެކު އިންޖިނޭރުންގެ ދުވަސް ކުލަ ގަދަކޮށް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މާލޭގެ މަގުތައް ހެދުމަށް އިންޖިނޭރުން ސާވޭ ކުރަނީ -- ފޮޓޯ / އިންފްރާސްޓްރަކްޗާ މިނިސްޓްރީ
މާދަމާ ބާއްވާ ކުޑަކުދިންގެ ހަވީރާއެކު އިންޖިނޭރުންގެ ދުވަސް ކުލަ ގަދަކޮށް ބޭއްވުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރު އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން އިންޖިނިއަރުންނަށް ހާއްސަ އެވޯޑެއް ދިނުން ވެސް ހިމެނޭކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެ ދުވަސް ފާހަގަކުރުމަށް ދަރިވަރުންނަށް ހާއްސަ ސައިޓް ވިޒިޓް ހަރަކާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބާއްވާ އެންމެ ހާއްސަ ހަރަކާތަކީ އިންޖިނިއަރިން އެވޯޑު ދިނުމުގެ ރަސްމިއްޔާތުކަމަށެވެ. ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ހަފުލާގައި 10 ގިންތިއަކުން އެވޯޑުދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ސެންޓްރަލް ޕާކުގައެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއާއި ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާއާއި އިންޖިނޭރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވުންކަމަށެވެ.
މީގެ އިތުރުން އެ ކުޑަކުދިންގެ ހަވީރު ބޭއްވުމުގެ މަގުސަދަކީ ޒުވާން ޖީލުގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުކުރުންކަމަށް ވެސް މިނިސްޓްރީން ބުންޏެވެ،
މިނިސްޓްރީން ބުނީއިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ސައިޓް ވިޒިޓް ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިފައިވާކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި މަދުވެގެން ދެ ރަށެއްގައި އެ ރަށެއްގައި ކުރިއަށްގެންދާ މަޝްރޫއެއްގެ ސައިޓަށް ނުވަތަ އިންޖީނުގެއަށް ޒިޔާރަތް ކުރުން ކުރިއަށް ގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މާލޭގައި ސައިޓު ވިޒިޓުގެ ގޮތުގައި ދާނީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ތިލަމާލެ ބުރިޖު އެޅުމުގެ ސައިޓަށް ކަމަށެވެ. އެ ހަރަކާތުގައި މާލޭގެ އެކި ސުކޫލުތަކުގެ އެކި އުމުރުފުރާގެ ދަރިވަރުން ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އިންޖިނޭރުންގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް