ޓްރަމްޕް އާއި ޕުޓިންގެ "އާދަޔާ ޚިލާފު" ގުޅުމަށް ޒެލެންސްކީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
ލިޔުންތެރިޔާ
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެރިންގެ ރައީސް ޒެލެންސްކީ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ދެމެދު އޮތް "އާދަޔާ ޚިލާފު" ގާތް ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިންގެ ވެރި ރަށް ކީވްގައި ހުންނަ ރައީސް އޮފީހުގައި ބީބީސީ އަށް ދެއްވި މި އިންޓަވިއުގައި، ޒެލެންސްކީ ވަނީ އެމެރިކާއާ މެދު އޮތް ބޮޑު ނުތަނަވަސްކަން ހާމަކުރައްވާފައި އެވެ. ޚާއްސަކޮށް، ޓްރަމްޕް ޕުޓިންއާ މުޚާތަބު ކުރައްވައި "އަހަރެންގެ ރަހުމަތްތެރިޔާ" އޭ ވިދާޅުވުމާއި، ބެލިސްޓިކް މިސައިލުން ދިފާއުވުމަށް ބޭނުންވާ މުހިންމު ހަތިޔާރު ފޯރުކޮށްދިނުން ލަސްވުމުގެ ސަބަބުން ޔޫކްރެއިންގެ ގިނަ ބައެއްގެ ފުރާނަ ގެއްލެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާ އަށް އެމެރިކާ އިން އެކަށީގެންވާ ވަރަށް ބާރުނާޅާ ކަމަށް ޝަކުވާ ކުރައްވަމުން، ޓްރަމްޕް ޕުޓިން އާއެކު ބައްދާލައިގެން ހުންނަވާ ފޮޓޯއެއް އާންމު ކުރެއްވުމަކީ "އާދަޔާ ޚިލާފު" ކަމެއްގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވި އެވެ.
އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެއީ އެމެރިކާގެ ރައީސްގެ އަމިއްލަ އިޚުތިޔާރުގައި އޮތް ކަމެއް ނަމަވެސް، އެފަދަ ގުޅުމެއް އޮތުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށެވެ.
"އޭނާ އަކީ (ޕުޓިން އަކީ) އިސްވެ ހަމަލާދޭ މީހެއް، އަދި ގާތިލެއް. އޭނާ އަކީ ރަހުމަތްތެރިއަކަށް ވެގެން ނުވާނެ. އެއީ ވާނެ ކަމެއް ނޫން،" ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރަކީ ރަހުމަތްތެރިއެއް ކަމަށް ބުނުމާއި ޓްރަމްޕްގެ ވާހަކަފުޅާ ޒެލެންސްކީ އެއްފަދަ ކުރެއްވި އެވެ.
2025 ވަނަ އަހަރު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޓްރަމްޕް އާއެކު ބޭއްވި ހޫނު ބައްދަލުވުމަށް ފަހު، ޒެލެންސްކީ ގެންދަވަނީ އެމެރިކާ އާއެކު އޮންނަ ގުޅުންތައް ވަރަށް ބަލައިގެން މެނޭޖު ކުރައްވަމުންނެވެ.
ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ޓްރަމްޕްގެ ދެ މަންދޫބުން މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. ނަމަވެސް، އެ ބޭފުޅުންގެ ވިސްނުންފުޅު ބޮޑަށް ހުރީ ކީވްގެ މަސްލަހަތަށް ވުރެ މޮސްކޯގެ ވިސްނުމާ އެއްގޮތަށް ކަމަށް ބެލެވެ އެވެ.
މި މަހުގެ ކުރީކޮޅު އަބޫދާބީގައި މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކުން އެދެވޭ ކުރިއެރުމެއް ލިބިފައި ނުވެ އެވެ. އެ ވާހަކަތަކާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ، "އެނގޭ މިންވަރު އިތުރުވާ ވަރަކަށް، މައްސަލަތައް ވެސް ދަނީ އިތުރުވަމުން" ކަމަށެވެ.
އަންނަ ޑިސެމްބަރު މަހު އަލުން ވާހަކަތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ހަފުތާގައި ޗައިނާގައި ޕުޓިން އާއެކު ބޭއްވި ސަމިޓުގައި، ޔޫރަޕުގެ ސަރަހައްދު ތަކަށް ދެމުންދާ ހުރިހާ އަސްކަރީ ހަމަލާތަކެއް ހުއްޓާލުމަށް ރަޝިޔާ އަށް ބާރުއެޅުއްވި ކަމަށެވެ. އަދި ޔޫކްރެއިން އާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، ރަޝިޔާ އިން އާންމުކޮށް ދައްކާ ވާހަކަ ތަކަށް ބަލާއިރު، އެ ޤައުމުން ވަނީ ހުރިހާ ކަމެއްގައި ވެސް ކުރިން ގެންގުޅުނު ހަރުކަށި އުސޫލުތަކަށް އަލުން ރުޖޫއަވެފައި އެވެ.
މީގެ އިތުރުން، އެމެރިކާގެ މަންދޫބުން އިއުލާނުކުރި ގޮތަށް، ޔޫރަޕުގެ މެދުވެރިން ސުލްހައިގެ މޭޒުދޮށުގައި ތިބޭނެކަން ނުވަތަ ނޫންކަން އަދި ސާފު ނުވާ ކަމަށް ޒެލެންސްކީ ހާމަކުރެއްވި އެވެ.
ޕުޓިން އަކީ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވި ބަހާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެން ބޭނުންވަނީ މީހުން މެރުން ހުއްޓުވަން. އޭނާ އަކީ ރަހުމަތްތެރިއެއް ނޫނޭ ވެސް އަހަންނަށް ބުނެވިދާނެ. އެކަމަކު އަހަރެން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން،" ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، "އަހަރެން ގޮސް އޭނާ (ޕުޓިން) ދެކެ ލޯތްބެއް ނުވެޔޭ ބުނެފިނަމަ، ދެން ކުރިމަތިވާނީ މިހާރު ވެސް ޒެލެންސްކީ އާއި ޕޫޓިންއާ ދެމެދު އޮތް ފަދަ މައްސަލައެއް. އެނގޭތޯ، އެއްބަސްވުމަކަށް އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ދެ ލީޑަރުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފުރަތު ކުރުން،" ކަމަށެވެ.
މި ހުރިހާ ކަމެއް މިހެން ހުރިއިރު، ޔޫކްރެއިންގެ ވައިގެ ސަރަހައްދު ދިފާއު ކުރުމަށް ކީވް އަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް