ހެކަރުންގެ އަތްދަށަށް ފީފާގެ ސިއްރު މައުލޫމާތުތަކެއް!
ލިޔުންތެރިޔާ
ސައިބާ ހަމަލާ ދިން ތާރީހެއް ނުވަތަ ހެކްކޮށްގެން ނެގި މައުލޫމާތުތަކުގެ ސީދާ ތަފްސީލެއް ފީފާއިން ހާމަކޮށްފައެއް ނުވޭ. -- ފޮޓޯ/ އޭޕީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ސައިބާ ހަމަލާއެއް ދީ، އެ އިދާރާގެ އެގްޒެކްޓިވް އަދި މާލީ މުހިންމު ލިޔެކިއުންތަކެއް ހެކަރުންގެ ގްރޫޕަކުން ވަގަށް ނަގައިފި އެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ "ހޭންސަމް ބޯއި ހެކިން ކްލަބް" (އެޗްބީއެޗްސީ) ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުންނެވެ. ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، ހެކަރުން އަތުލައިގަތް މައުލޫމާތުތަކުގެ ތެރޭގައި އެ އިދާރާގެ އިސްވެރިންނާ ގުޅޭ މައުލޫމާތާއި، މާލީ ލިޔެކިއުންތަކާއި، ގާނޫނީ ޑޮކިއުމެންޓުތަކުގެ އިތުރުން ބައެއް ފަރާތްތަކުގެ އައިޑެންޓިޓީ ޑޮކިއުމެންޓްތައް ހިމެނެ އެވެ.
ނަމަވެސް، ފީފާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެކަރުންނަށް ވަދެވިފައިވަނީ އެ އިދާރާގައި ރައްކާކޮށްފައިވާ މުޅި މައުލޫމާތުގެ އެންމެ 0.1 ޕަސެންޓަށެވެ. އަދި ފަހަކަށް އައިސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ އެއްވެސް މައުލޫމާތަކަށް ހެކަރުންނަށް ވާސިލުވެވިފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ޔަގީންކަންދެ އެވެ.
މި ސައިބާ ހަމަލާއާ ގުޅިގެން ކަމާބެހޭ ތަހުގީގީ އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފީފާއިން މިހާރު ވަނީ ނިންމާފައެވެ.
ފީފާގެ ސިއްރު މައުލޫމާތުތަކެއް ހެކަރުން ވަގަށް ނަގާފައި މިވަނީ، އަންނަ އަހަރުގެ ކުރީކޮޅު ފީފާގެ ރިޔާސީ އިންތިހާބު ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ފާޑުކިޔުންތައް އަމާޒުވެފައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް، އެ އިދާރާގެ ހިންގުމާ ގުޅޭ ގިނަ މައުލޫމާތުތަކެއް އާންމު ކުރުމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ދާދި ފަހުން ވަނީ ގޮވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް