Article Top
ޚަބަރު •

ރިނބުދޫގެ "ބަނދަރުހިޔާ" ނައިބު ރައީސް ހުޅުވައި ދެއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރިނބުދޫގެ "ބަނދަރުހިޔާ" ނައިބު ރައީސް ހުޅުވައި ދެއްވައިފި

ރިނބުދޫގެ ބަނދަރުހިޔާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ.

ދ.ރިނބުދޫގައި އިމާރާތް ކޮށްފައިވާ "ބަނދަރުހިޔާ"، ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ހުޅުވައި ދެއްވައިފި އެވެ.

ރިނބުދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު މއެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރިނބުދޫ އަކީ ރަށުވަންތަކަމުގެ، ރީތި އިޙުސާސާއި، ސާފުތާހިރުކަމާ، ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވި އެވެ. އަދި އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށާއި، ރަށުގެ ރަށުވަންތަކަން ހިފެހެއްޓުމަށްޓަކައި ކައުންސިލުން އިސްވެ ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައި، އެގޮތުގައި ރަށުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވާހަކަފުޅުގައި ބާރުއެޅުއްވި އެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި، ކޮންމެ އިންސާނަކީ ވެސް ވިސްނުމުގެ ތަފާތުތަކެއް ހުރި މީހެއްކަން ޤަބޫލު ކުރަންޖެހޭނެ ކަމަށާއި، ޚިޔާލު ތަފާތުވުން ތަކެއް ހުންނާނެ ކަމުގައި ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކައިގެ ސަބަބުން، ދިމާވާ ހިތްހަމަ ނުޖެހުން ވެސް އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ހުންނަ ނުތަނަވަސްކަން ވެސް ފިލައި، އެކުވެރިކަމާއި، އާއިލީ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން، މިފަދަ އިޖުތިމާއީ ކަންކަމަށް އިސްނަގައިގެން މަސައްކަތް ކުރާ ކޮންމެ ކައުންސިލަކަށް ސަރުކާރުން ފުރިމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް އިތުރަށް ވިދާޅުވީ، މުޅި ދުނިޔެ އަށް މިއަދު ކުރިމަތިވަމުންދާ ކަންތައްތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށްޓަކައި ކެރިވަޑައިގެން ސާބިތުކަމާއެކު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުންނެވިތަން ދިވެހި ރައްޔިތުންނަށް ފެނިގެންދާ ކަމަށެވެ. އަދި ރައީސްގެ ތަސައްވުރެއް އެބަ އޮތް ކަމަށާއި، އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤަކަށް އުނިކަން ނާންނާނެ ފަދައިން ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ހާމަވެގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ހަމައާއެކު ރޭގެ ރަސްމިއްޔާތުގައި، މި ސަރުކާރުން އިސްނަގައިގެން ފެއްޓެވި ބިޔަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްގެން ނޫނީ، އަޅުގަނޑުމެން މިތިބި ހަރުފަތުން އެހެން ހަރުފަތަކަށް ވާސިލު ނުވެވޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ދިވެހިރާއްޖެ މި އޮތީ މުޅި ދުނިޔެ އަށް ހުޅުވައިލެވިފައި ކަމަށާއި، ރަސްމާލެ އަށް ގެންނަވާ ތަރައްޤީ އަކީ މިރާއްޖޭގެ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށް ވާތީ، އެމަޝްރޫއަށް ތާއީދު ކުރަނީ، ދިވެހި ރައްޔިތުންނަށް އޭގެ މަންފާ އާއި ލާބަ ލިބިގެންދާނެތީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން ރިނބުދޫގެ ތަރައްޤީ އަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކައުންސިލުގެ އައު އިމާރާތް ކުރިއަށްދާ ކަމަށާއި، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތް ވެސް އެޅޭނެ ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުން ވަނީ ނައިބު ރައީސް އަށް ހަނދާނީ ފިލާއެއް އަރުވާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް