ރައީސް މުޢިއްޒުގެ ތައުޒިޔާ މިޞްރުގެ ރައީސް އަށް
ލިޔުންތެރިޔާ
ރާއްޖެ އާއި މިޞްރުގެ ދިދަ.
މިޞްރުގެ ޤާހިރާގެ ހައިވޭއެއްގައި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި އަލިފާނުގެ ހާދިސާގައި، ގިނަ ބައެއްގެ އަގުހުރި ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމަ އާއި ކަންބޮޑުވެ ވަޑައިގެންނެވުމާ އެކުގައި ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މިޞްރުގެ ރައީސް އާއި، އެ ޤައުމުގެ ސަރުކާރާއި، އަޚުވަންތަ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ.
މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށާއި، މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިގެން ދިއުމަށް އެދިވަޑައިގެން ރައީސް މުޢިއްޒު ދުޢާ ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް