Article Top
ކުޅިވަރު •

އޮޑީގެ ވިސްނުން ހުރީ ދިއްދޫ މެޗަށް؛ ކުޅުންތެރިން ސަމާލުވާން ޖެހޭ

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

އޮޑީގެ ވިސްނުން ހުރީ ދިއްދޫ މެޗަށް؛ ކުޅުންތެރިން ސަމާލުވާން ޖެހޭ

އޮޑީގެ ކޯޗު -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު އަލަށް ޕްރޮމޯޓްވި ދިއްދޫއާ ދެކޮޅަށް ނުކުންނައިރު، އެއީ ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ ހަމައެކަނި އެ މެޗަށް ސަމާލުވެ ތިން ޕޮއިންޓް ހޯދުމަށް ކަމަށް އޮޑި ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗު ލޫސިއާނޯ ތެއިލާ (ލޫޗޯ) ބުނެފި އެވެ.

މާދަމާގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލޫޗޯ ބުނީ، މިއީ ޖިސްމާނީ ގޮތުން ވަރުގަދަ އަދި އުނދަގޫ މެޗަކަށް ވާނެތީ ކުޅުންތެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ހޯދި މޮޅާއެކު އޮޑިއަށް ވަނީ ބޮޑު ހިތްވަރެއް ލިބިފަ އެވެ. އަދި މި ހަފުތާގައި ވާދަވެރި ނިއު ރޭޑިއަންޓާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރާތީ، މި މެޗުން މޮޅުވެގެން އޮޑިއަށް ތާވަލުގެ ގަދަ ތިނަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ލީގު ތާވަލުގެ އޮތް ހިސާބާ މެދު ޓީމުން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ލޫޗޯ ބުންޏެވެ.

"ތާވަލު ކޮންމެ ހަފުތާއަކު ބަދަލުވޭ. އަހަރެމެން ވިސްނަނީ ހަމައެކަނި ދެން އޮތް މެޗާ މެދު. އެ މެޗަށް ރަނގަޅަށް ތައްޔާރުވެ، މޮޅުވާން މަސައްކަތް ކުރުމަށް. އަހަރެމެންނަށް ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް،" ލޫޗޯ ބުންޏެވެ.

ދިއްދޫ ފުރަތަމަ ޑިވިޝަނަށް އައީ ދާދި ފަހުން ކަމުގައި ވިޔަސް، އެ ޓީމުގެ ފެންވަރަށް، ހާއްސަކޮށް އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަށް ލޫޗޯ ވަނީ ތައުރީފުކޮށްފަ އެވެ.

ޖެހިޖެހިގެން ދެވަނަ މޮޅު ހޯދުމަށް އޮޑިން ކުރަންޖެހޭ ކަންކަން ފާހަގަކުރަމުން ކޯޗު ބުނީ، ޓީމު އޮތީ ވާދަކުރަން ފުރިހަމައަށް ތައްޔާރަށް ކަމަށާއި، މޮޅުވާން ބޭނުންނަމަ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް