މުހިންމު 12 ކުޅުންތެރިން ރިސޯޓުގައި؛ އޮޑިއާ ދެކޮޅަށް ދިއްދޫ ނުކުންނަނީ ބޮޑު ގޮންޖެހުމަކާއެކު
ލިޔުންތެރިޔާ
ދިއްދޫ ސްޕޯޓްސް ކޯޗު -- ފޮޓޯ/ އެފްއޭއެމް
މުހިންމު ކުޅުންތެރިންތަކަކަށް ރިސޯޓުތަކުން ޗުއްޓީ ނުލިބި، އެކުގައި ފަރިތަނުކުރެވުމަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ދިއްދޫ ސްޕޯޓްސް ކްލަބްގެ ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) ބުނެފިއެވެ.
އޮޑިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު މޫސަ ބުނީ، ލީގުގައި ވާދަކުރާ 10 ޓީމުގެ ކޯޗުންގެ ތެރެއިން ވެސް އެންމެ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިފައިވަނީ އޭނާއަށް ކަމަށެވެ.
ކޯޗު ފާހަގަކުރި ގޮތުގައި، ރިސޯޓުތަކުގައި ތިބި 12 ކުޅުންތެރިންގެ ތެރޭގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ހިމެނޭއިރު، އެ ކުޅުންތެރިންނާ ނުލައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހުމުން ޓީމުގެ ކުޅުމަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.
"އަޅުގަނޑަށް ހީވަނީ ހުރިހާ ކޯޗުންގެ ތެރެއިން އެންމެ އުނދަގޫ އެއް ޗެލެންޖު ކަންނޭނގެ އަޅުގަނޑު މީނީ ކުރިމަތިލައިގެން. އަޅުގަނޑުމެންގެ 12 ކުޅުންތެރިން އެބައުޅޭ ރިސޯޓުގައި. ރިސޯޓުތަކުގެ ސީޒަން ދުވަސްވަރު ކުރިއަށް މިދަނީ. ނޮވެމްބަރުން ފެށިގެން މާޗަށް ރިލީޒް ނުކުރެވޭނެ ކަމަށް ގިނަ ރިސޯޓުތަކުން ބުނަނީ،" އޭނާ ބުންޏެވެ.
"އެކުގައި ޕްރެކްޓިސް ނުކުރެވުން މިއީ މިހާރު ދިއްދޫ ޓީމުގެ ޕާފޯމަންސަށް ކޮންމެވެސް ވަރަކަށް އަސަރުކުރާ ކަމެއް."
ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު އަތޮޅު ތެރެއިން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދިއްދޫއާއި ގައްދޫއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިއީ އެވެ. ޓީމުގައި ގިނައިން ހިމެނެނީ ރަށަށް ނިސްބަތްވާ، ދިރިއުޅުމަށް ވަޒީފާ އަދާކުރާ ކުޅުންތެރިންނެވެ.
ކޯޗު މޫސަ ބުނި ގޮތުގައި، އަތޮޅު ޗެމްޕިއަންޝިޕާއި، ޒޯން އަދި ރީޖަނަލް ލީގުގެ އިތުރުން ކޮލިފިކޭޝަނުގައި ދިއްދޫން ތަފާތު ދެއްކީ ޓީމު އެކުގައި ތިބެ މަސައްކަތް ކުރެވުމުންނެވެ. ނަމަވެސް، ހައެއްކަ މަހަށް ދިގުދެމިގެންދާ ލީގަކަށް ކުޅުންތެރިން ވަޒީފާއިން ވީއްލި، ފުޓުބޯޅައަށް ހުސްވުމަކީ ކުރެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް