Article Top
ޚަބަރު •

އިސްލާމިކް މިނިސްޓްރީ އިން މުޅި ރާއްޖޭގައި 140 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދޭ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިސްލާމިކް މިނިސްޓްރީ އިން މުޅި ރާއްޖޭގައި 140 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދޭ

ކެބިނެޓު ބައްދަލުވުމެއްގައި މިނިސްޓަރު ޝަހީމް ބައިވެރިވެ ވަޑައިގަންނަވަނީ.

އިސްލާމިކް މިނިސްޓްރީ އިން މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި 140 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ދައުލަތުގެ މީޑިއާ އިން ގެެނެސްދޭ ހަފުތާ 156 ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ އެ މިނިސްޓްރީ އިން މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، 140 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދެވޭ ކަމަށެވެ. އޭގެ ތެރޭގައި ވަޤުފު އިމާރާާތްތައް ބިނާ ކުރުމުގެ މަޝްރޫއު އާއި، މިސްކިތްތަކާއި ކީރިތި ޤުރުއާންއާ ބެހޭ މަރުކަޒުތައް އިމާރާތް ކުރުމުގެ މަޝްރޫއު ވެސް ހިމެނެ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ، އެންމެ ބޮޑު އިސްކަމެއް ދެނީ އެކި ކަންކޮޅު ތަކުގައި މިސްކިތްތައް އިމާރާތް ކުރުމުގެ މަޝްރޫއު އަށް ކަމަށެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަޝްރޫއުތަކާއި، އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މަޝްރޫއުތައް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެއާއެކު މިނިސްޓަރު ޝަހީމް ވިދާޅުވީ، ރަށް ރަށުގެ ރައްޔިތުން ބޭނުން ވަނީ އެ ރަށްތަކުގައި ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާ ކުރުމަށް ކަމަަށެވެ. އަދި ކުރިއަށް އޮތް އަހަރަށް މިނިސްޓްރީ އިން އެންމެ ބޮޑު އިސްކަމެއް ދޭނީ، މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައި އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މިސްކިތްތަކެއްގެ މަސައްކަތް ނިންމައި، ހުޅުވޭނެ ކަމަށެވެ.

އެ ޕްރޮގްރާމްގައި މިނިސްޓަރު ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީ އިން ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކާއި، ހާސިލުކޮށްފައިވާ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް